ޒުވާނުންގެ ގައުމީ އެވޯޑަށް ނަން ހުށަހެޅުމަށް މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ދީފިއެވެ.
މިކަމާ ބެހޭގޮތުން ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ތަފާތު 22 ދާއިރާއަކުން ޒުވާނުންގެ އެވޯޑު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ އިނާމު ދިނުމަށް ނިންމާފައި ވަނީ، ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، ހިތްވަރު ދިނުމަށެވެ. މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށާއި މި އިނާމު ލިބޭ ޒުވާނުންނަށް ޚާއްސަ އެވޯޑަކާއި ސެޓުފިކެޓެއް ލިބޭނެ ކަމުގައި އިއުލާނުގައި ބުނެފައިވެއެވެ.
އެ އިނާމަށް ނަން ހުށަހެޅުމަށް އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އެ މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑަށް ކުރިމަތިލާ ފޯމު ވެލާނާގެ ތިން ވަނަ ފަންގިފިލާގެ ރިސެޕްޝަނާއި އޮންލައިންކޮށް ލިބޭނެއެވެ. ފޯމު ބަލައިގަންނަނީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން 14:00އާ ހަމައަށެވެ.
އޮންލައިންކޮށް މި އެވޯޑަށް އެޕްލިކޭޝަން ހުށަހަޅާނަމަ [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.




