ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހުށަހަަޅަން ދެ ހަފުތާގެ މުއްދަތެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
އާއްމުންގެ ހިޔާލު އެ ބިލަށް ހުށަހަޅަން ދެ ހަފުތާގެ މުހުލަތެއް ދޭން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެވެ. ވިލިނގިލި ދާއިރާގެ މެންބަރު އާދަމް އަބްދުލްއަޒީޒު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. އަދި އެގޮތަށް ފާސްކުރަން ފެނިވަަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ކޮޮމިޓީގެ ނިންމުމުގައިވާ ގޮތުން މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް ބިލު އާއްމުންގެ ކޮމެންޓަށް ހުޅުވާލުމާ އެކު، ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ ހިޔާލު އެ މުއްދަތުގެ ތެރޭގައި ލިއުމުން ހޯދާނެއެވެ.
ރިއަލްއެސްޓޭޓް ބިލަށް ލިއުމުން ހިޔާލު ހޯދާނެ މުއައްސަސާތަކުގެ ގޮތުގައި ކޮމިޓީން ކަނޑައެޅީ އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިްވްސް ކޯޕަރޭޝަނެެވެ. އެ ތަންތަނުން ބިލަށް ހިޔާލު ހުށަހަޅައިދޭން އެދި ކޮމިޓީން މިއަދު ސިޓީ ފޮނުވުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން މި ބިލަށް ސިޔާސީ ޕާޓީތަކާއި ދީނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހުށަހެޅުއްވިއެވެ. ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން ކޮމިޓީގައި އެ ހުށަހެޅުމަށް ވޯޓަކަށް ނާހައެވެ.



