ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 ނޮވެންބަރު 17 ވީ އަންގާރަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކޮށް، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ %30 އިން %25 އަށް ކުޑަކުރުމެވެ.
މި އިޞްލާޙުގައިވާ ގޮތުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.



