ދިވެހީންނަކީ ހައިބަވަންތަ ވެރިކަމެއްގެ މަތީގާ ތިބިބައެއްކަން ތާރީހުން އެނގޭކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ހީނާ ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި، ކަރާމާތާއި، މިނިވަންކަމާއެކު ބަސްބުނުމުގެ ހައްޤު ޔަޤީންކޮށްދީ، ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކުރެވި، ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވެވޭ ވެރިކަމުގެ ނިޒާމެއްކަމަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ، ވެރިކަން ހިންގުމުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވުންކަމަށެވެ.
ތާރީޚު އަންގައިދެނީ ދިވެހީންނަކީ ގަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގާ ތިބި ބަޔެއްކަމަށެވެ. ދިވެހި ދައުލަތުގެ ދޮށިކަން އަންގައިދެނީވެސް މީގެ އެއްހާސް ފަސްސަތޭކަ އަހަރަށްވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ޚަބަރުތައް ފެންނަން ހުރުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެއަށް ތާރީޚުގެ ވަރަށް ފަހުގެ ޒަމާނެއްގާ ތަޢާރަފްވި ފިކުރެއްނަމަވެސް ދިވެހީންގެ ތެރޭގާ އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިއީ ގައުމެއްގެ ގޮތުން ދިވެހިންނަށް ލިބިފައިވާ ފަޚުރެއް އަދި ޝަރަފެއްކަމަށް ވެސް ވިދާޅުވިއެވެ.
”ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުންކަމުގާ ވީ ހިނދު އޭގެ ތަރަހަޔަކީވެސް ހަމަ ތިޔަ ލޮބުވެތި ރައްޔިތުންކަމުގާ ވީހިނދު އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަޚުލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ ކަމުގައި ކާބަފައިންވެސް މިވަނީ އިލްތިމާސްކުރައްވާފައި. އަނެކުންނާ ރީތިކޮށް މުޢަމާލާތްކޮށް އުޅޭ އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށްވެސް ވާންޖެހޭ ކަމުގައާއި ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚުލާސްތެރިކަން އިސްކުރުމަށްވެސް ހަނދާން ބަހައްޓަން ޖެހޭކަމަށް ގޮވާލާފައި.“ މިނިސްޓަރު ވިދާޅުވިއެވެ.



