ރަސްމާލޭގައި ”މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ހިންގަން އުޅޭ މަޝްރޫއުއަކީ ރަނގަޅު މަޝްރޫއުއެއް ކަމަށާއި ނަމަވެސް އެކަން ކުރުމުގެ ކުރިން ރައްޔިތުން ގާތު އަހަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަން ހިންގަން ރައްޔިތުންގެ ތާއީދާއި އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށެވެ.
”ކަމެއް ކާމިޔާބު ކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދު، ރުހުން އޮންނާންޖެހޭ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންވެ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މަޝްވަރާކޮށް، ރައްޔިތުން ގޮތެއް ނިންމަންޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.



