މާލޭ، ސަބުދެރިޔާމަގުގައި މިއަދު ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބްދަރިޔާ މަގު ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހި، އޭގެ ތެރެއިން އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ބިއްލޫރިގަނޑުގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެންގޮސް ސެލޫން އެތެރެއަށް ސައިކަލު ވަދެފައިވާކަމުގެ މައުލޫމާތު 2026 ނޮވެމްބަރ 21 ވަނަ ދުވަހުގެ ހެނދުނު 09:16 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި، ކޮންޓްރޯލް ނުވެ ދިޔަ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި އެކުއްޖާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށް ކަމުގައި ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


