އަވަށްޓެރި އިންޑިއާގައި މެޓާގެ އެކައުންޓްތައް ހުއްޓުވާތީ، އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ޒުވާނުންގެ ގޮފީގެ މެންބަރުން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުންނަ މެޓާގެ އޮފީސްތަކުގެ ކުރިމަތީގައި ފުލުހުންނާއި ސެކިއުރިޓީ ފަރާތްތަކާ ކުރިމަތިލައި މުޒާހަރާކޮށްފިއެވެ.
އިންޑިއަން ޔޫތު ކޮންގްރެސްއިން ވަނީ، އެ ޕާޓީގެ ލީޑަރުންގެ އެކައުންޓްތައް އަލުން އިއާދަކޮށްދިނުމަށް ގޮވާލައި ހައިދަރުއާބާދު، މުމްބާއީ އަދި ގުރުގްރާމްގައި އިއްޔެ މުޒާހަރާކޮށްފައެވެ.
އެގޮތުން އެ މުޒާހަރާގެ ބައިވެރިން ވަނީ ހައިދަރުއާބާދުގައި ހުންނަ މެޓާގެ އޮފީސް އިމާރާތަށް ވަދެ، ގަސްތަކަށް ގެއްލުންދީ، ފުލުހުންނާ ކުރިމަތިލާފަ އެވެ. އަދި މުމްބާއީގައި، އެ ޕާޓީގެ އެކްޓިވިސްޓުން ވަނީ އޮފީސް އިމާރާތުގެ ބޭރުގައި މެޓާއާ ދެކޮޅު ޝިއާރުތައް ސްޕްރޭކޮށް، ސެކިއުރިޓީ ގާޑުންނާ ކުރިމަތިލާފަ އެވެ.
އެކައުންޓްތައް އަލުން އިއާދަނުކޮށްފި ނަމަ، މުޅި ގައުމުގައި ހުރި މެޓާގެ އޮފީސްތަކަށް ވަދެގަނެ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް ޒުވާނުންގެ ގޮފިން ވަނީ ދީފައެވެ.
އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އިސްވެރިޔާ މަނޫ ޖެއިން މިއަދު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، މުޒާހަރާތަކާ ގުޅިގެން ދެ އެކައުންޓެއް އަލުން އިއާދަކޮށްފައިވާ ކަމަށެވެ. ނަމަވެސް، ނޫސްވެރިންނާއި ކޮންޓެންޓް އުފައްދާ ފަރާތްތަކާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ އެތައް ހާސް އެކައުންޓެއް އަދިވެސް ހުރީ ބްލޮކްކޮށްފައި ކަމަށް އޭނާ ބުންޏެވެ.
މި މުޒާހަރާތަކާ ގުޅޭ ގޮތުން މެޓާއިން އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައިވާއިރު، މީގެ ކުރިން އެ ކުންފުނިން ބުނެފައިވަނީ އިންޑިއާގައި ކޮންޓެންޓް ހިފަހައްޓަނީ އެ ގައުމުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.




