މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހއ ގައި ކުރިއަށް ގެންދާ ”އެމްއެމްއޭ ފިންލިޓް ފެސްޓް“ގެ ދަށުން ކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ހއ. ވަށަފަރުގައި އިއްޔެ ބާއްވައިފިއެވެ.
ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ރަށުގެ ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ބޭއްވި މި ހަރަކާތުގައި ރަށުގެ ގިނަ ކުދިން ބައިވެރިވިއެވެ. މި ހަވީރަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.
މި ހަރަކާތުގައި ތަފާތު އުފާވެރި ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށްދިޔައެވެ. އަދި ކުޑައިރުން ފެށިގެން ފައިސާއާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، މާލީ ތަޢުލީމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ވެސް ދެވިގެން ދިޔައެވެ.
މި ހަވީރުގައި ވެސް ފައިސާގެ ތާރީޚު ދައްކައިދޭ ޚާއްޞަ ސްޓޯލެއް ވެސް ބެހެއްޓިއެވެ. މި ސްޓޯލުން ފައިސާގެ ތާރީޚާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ.
މި ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ގިނަ އިނާމުތަކެއް ދިނެވެ.
ފިންލިޓް ފެސްޓްގެ ދަށުން ހއ. ގެ 6 ރަށެއްގައި އެމްއެމްއޭއިން އަންނަނީ މާލީ ހޭލުންތެެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.



