ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ނުސާފުކަން ސިއްހަތަށް ނުރައްކާތެރި މިންވަރަކަށް މިއަދު މެންދުރު ވަނީ މަތިވެފައިވާކަމަށް ދައްކާފައެވެ.
ވައިގެ ކޮލެޓީ އަންގައިދޭ އެއާ ކޮލިޓީ އިންޑެކްސް (އައިކިއުއައި) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން މިއަދު ދައްކާ ގޮތުގައި، ވައިގެ ފެންވަރު ބެލި ސަރަހައްދުތަކުގެ ތެރެއިން އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި މާލޭ ސަރަހައްދަށެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޅުދުއްފުއްޓާއި ފުނަދޫގައި ޔޫއެސް އޭކިއުއައި ހުރީ 162 ގައެވެ. މިއީ ސިއްހަތަށް ނުރައްކާތެރި މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދެކެވެ.
މި ދެ ރަށުގައި ވެސް ވައިގެ ތެރޭގައި ހުންނަ ކުދި ރަޒާ ނުވަތަ ޕީއެމް 2.5 ގެ މިންވަރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 71 މައިކްރޯގްރާމްގައެވެ.
މީގެ އިތުރުން، މާލޭގެ އޭކިއުއައި 161 ގައި ހުރިއިރު، ޕީއެމް 2.5 ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 70 މައިކްރޯގްރާމްގައެވެ.
އައިކިއުއެއާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ކުޑަހުވަދޫގެ އޭކިއުއައި ހުރީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެއް ކަމަށްވާ 124 ގައެވެ. ނަމަވެސް، ލ. ފޮނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގައި ވައިގެ ނުސާފުކަން ހުރީ އެއަށްވުރެ ދަށް، ނުވަތަ މެދުމިނުގެ ދަރަޖައެއްގައެވެ. އެގޮތުން ފޮނަދޫގައި އޭކިއުއައި 94 ގައި އަދި ފުވައްމުލަކުގައި 75 ގައި ހުރިއިރު، ހިތަދޫގައި ހުރީ 62 ގައެވެ. ހިތަދޫގައި ޕީއެމް2.5 ގެ މިންވަރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 15 މައިކްރޯގްރާމް ކަމަށް ވެސް އެ ރެކޯޑުތަކުން ދައްކައެވެ.



