ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ވެސް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި ބިލަށް ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން، އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެގޮތުން އެ ބިލަށް ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން، ފުރަތަމަ ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ސަމީރު އެގޮތަށް ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން އެ ދުވަހު ވޯޓަކަށް ނާހައެވެ.
މިއަދުގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ކޮމިޓީގެ މައްސަކަތް ކުރިއަށް ގެންދާނީ މައިނޯރިޓީ އަށް އިހުތިރާމްކޮށްގެން ކަމަށާއި ސަމީރު ހުށަހެޅުއްވި ގޮތަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހިޔާލު ހޯދަން އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
”މައިނޯރިޓީއަށް އިހުތިރާމްކުރުމުގެ ގޮތުން، ސަމީރު އެ ހުށަހެޅުއްވި ހުށަހެޅުން ވެސް އެެއީ ރަނގަޅުކަމެއް ކަމުގައި އަޅުގަނޑުމެން ބަލައިގަންނަ ހާލުގައި އަޅުގަނޑު ހުށަހަޅަން ސިޔާސީ ޕާޓީތަކުގެ ތެރެއިންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން މި ބިލަށް ކޮމެންޓް ކުރަން ބޭނުންވާ ފަރާތްތައް ދޭ ޑިސެމްބަރުގެ ކުރިިން ލިއުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް،“ ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ފަހުން ވިދާޅުވި ގޮތުގައި ޕާޓީތަކާއި ޖަމިއްުޔާ ޖަމާއަތްތަކުން މަޖިލީހަށް ލިއުމުން ހުށަހަޅަން ޖެހޭނީ ބިލަށް ހުށަހަޅާ ހިޔާލެއް ނޫނެވެ. އޭގެ ބަދަލުގައި އެކަމަށް އެދޭ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތައް ކޮމިޓީއަށް ހާޒިރުވެ، ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭނެއެވެ.



