ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭ.ސީ.އައި) އިން ބާއްވާ ”އޭޝިއާ-ޕެސިފިކް އެންޑް މިޑްލް އީސްޓްގެ 7 ވަނަ ރީޖަނަލް އޮޕަރޭޝަނަލް ސޭފްޓީ ކޮމިޓީ (އާރް.އޯ.އެސް.ސީ)” ގެ އޭވިއޭޝަން ތަޖުރިބާކާރުންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ހުޅުލެ އައިލެންޑް ހޮޓެލް (އެޗް.އައި.އެޗް) ގައި ނޮވެންބަރު 23 އިން 25 އަށް ހިނގަމުންދާ މި ބައްދަލުވުމުގައި، އެ ކޮމިޓީ ތަމްސީލުކުރައްވާ 23 މެންބަރުންގެ އިތުރުން 7 އޮބްޒާވަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ) ގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސް، މުޙައްމަދު މަންޞޫރެވެ. އަދި މިރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފްގެ އިތުރުން ކުންފުނީގެ ސީނިއަރ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި މި ބައްދަލުވުމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާތައް ޙިއްޞާކޮށް، ދަތުރުފަތުރުގެ އޮޕަރޭޝަންތަކުގައި އަލަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދުމަށާއި، ސަރަޙައްދީ ފެންވަރުގައި ސަލާމަތީ ކަންކަން އެއް މިންގަނޑަކަށް ގެނައުމަށް މަގުފަހިކޮށްދޭ އަގުހުރި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެއާސައިޑްގެ ރައްކާތެރިކަމާއި، ގްރައުންޑް ހޭންޑްލިންގ އޮޕަރޭޝަންތަކާއި، ރަންވޭގެ ސަލާމަތީ ކަންކަމުގެ އިތުރުން، ވައިގެ ދަތުރުފަތުރަށް އަލަށް ތަޢާރަފުކުރެވެމުންދާ ޒަމާނީ ޓެކްނޮލޮޖީތަކުގެ މައްޗަށެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގެ ބައިވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްގެންދާގޮތް ބަލާލުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ހިންގަމުން އަންނަ ރާއްޖޭގެސީޕްލޭން އޮޕަރޭޝަންތައް ބަލާލެވި، ދިވެހިރާއްޖޭގެ ރަށްތައް ގުޅުވައިދިނުމުގައި ވައިގެ ދަތުރުފަތުރު އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް ޢަމަލީ ގޮތުން ފެނިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނީ، ސަރަޙައްދީ މިފަދަ މުހިންމު ހަރަކާތެއް ރާއްޖޭގައި ބޭއްވުމަކީ އެ ކުންފުނީގެ އިތުރުން މުޅި ރާއްޖެއަށް ވެސް ލިބުނު ފަޚުރެއް ކަމަށެވެ.

އަދި މިއިން ހާމަކޮށްދެނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ބައިވެރިވުން ފުޅާވަމުންދާ މިންވަރާއި، ސަރަޙައްދީ އެއްބާރުލުން ވަރުގަދަކޮށް، އައު ވިސްނުންތައް ކުރިއަރުވައި، ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.



