ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކި ރަށްރަށުގައި ފިއުލް ސްޓޭޝަންތައް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ގިނަ ރަށްތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، އެ ރަށްރަށަށް ތެޔޮ ގަންނަން ލިބެނީ އާންމުކޮށް ތެޔޮ ވިއްކާ ރޭޓަށްވުރެ އަގު ބޮޑުކޮށެވެ.
އެހެންކަމުން މިކަން ހައްލުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި މަޝްރޫއުއާ ބެހޭގޮތުން ފަހުގެ އަދާހަމަދެމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން އާންމު ފިއުލް ސްޓޭޝަން ޤާއިމް ކުރުމަށް ދަތި ރަށްތަކުގައި މޮޑިއުލަަރ ފިއުލް ސްޓޭޝަން ނުވަނަ ފިއުލް ސްކިޑްތައް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށާއި އެގޮތުން ދެ ފިޔަވައްސަކަށް ބަހާލައިގެން 34 ރަށެއްގައި މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގު އަހުމަދު ވިދާޅުވީ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 19 ރަށެއްގައި ފިއުލް ސްކިޑް ތަރައްޤީކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއްގައި ފިއުލް ސްކިޑް ޤާއިމް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
”މި މަހުގެ 6 ގެ ނިޔަލަށް 10 ސްޓޭޝަނެއްގައި ޚިދުމަތް ދޭން ވަނީ ފަށާފައި. ފުރަތަމަ ފިޔަވަހީގެ 19 ރަށުގެ ތެރެއިން 85 އިންސަތަ މަސައްކަތް ވަނީ ނިމިފައި. އަޅުގަނޑުމެން އަމާޒު ކުރަނީ 2027 ވަނަ އަހަރު ނޮވެމްބަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފިއުލް ސްކިޑްތައް ޤާއިމް ކުރުމަށް“ ޠާރިގު ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ސަބަބުން ސިނާޢީ މަސައްކަތް ކުރާ ފަރާތްތަކާއި ރައްޔިތުންނަށް ތެޔޮލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މަސްވެރިން ތެޔޮ ހޯދުމަށް ކުރާ ހޭދަ ކުޑަކުރެވި ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރުވެ، ވަގުތު ސަލާމަތްވެގެންދާނެ ކަމަށްވެސް ބުންޏެވެ.



