މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކަކީ ދޮންދަރިން ކަމަށް ނުބަލާ ކަމަށާއި އެ މަޝްރޫއުތައް ނިންމަން ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލ. ކުނަހަންދޫގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައި ވާތީ އެކަމާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރުމުންނެވެ.
އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ސަރުކާރުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް މިސަރުކާރު އައިއިރު ހިންގޭނޭ ގޮތެއް ނެތް ކަމަށާއި އެހެންނަމަވެސް ސަރުކާރުން ބެލީ އެ މަޝްރޫއުތައް ހިންގޭނޭ މަގެއް ހޯދުމަށް ކަމަށެވެ. އަދި ސަރުކާރުން އެހީ ވެދީގެން ހާއްސަ ސަމާލުކަމެއް ދީގެން އެކަން ކުރާ ކަމަށް ވެސް މުއްޠަލިބު ވިދާޅުވި އެވެ.
”މި ސަރުކާރު އައިއިރުގައި ފެށިފައި ހުރި މަޝްރޫއުތައް ހުއްޓާލާފާ ކުރިއަށް ދިޔުމުގެ އެޖެންޑާއެއް ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ދޮންދަރިން ހަދާފައި ދޫނުކޮށްލާ އަޅުގަނޑުމެންގެ އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީ“ ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ އެ މަސައްކަތްތައް އަވަހަށް ނިންމުމަށް ކަމަށެވެ. ސަބަބަކީ އެ ކުންފުންޏަކީ ރަނގަޅު އާމްދަނީއެއް ލިބޭ ތަޖުރިބާ ހުރި ކުންފުންޏަކަށް ވުމެވެ. އަދި އެކަމުގެ ސަބަބުން ބަޖެޓުން ހަރަދުނުކޮށް އެ ކުންފުނީގެ ފައިސާއިން އެކަން ކުރެވޭނޭ ކަމަށް ބެއްލެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



