މާލެ ކައިރި ރަށެއްގައި އަންހެނަކު ކައިވެނިން ބޭރުން އެއްމާބަނޑު ދެ ކުދިން ވިހެއުމަށްފަހު އޭގެ ތެރެއިން އެއް ކުއްޖަކު ނިޔާވުމުން ފޮރުވާފައި ނުވާ ކަމަށާއި ނިޔާވި ކުއްޖާ ވިހެއީ ހޮސްޕިޓަލުގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ”ސްއުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ މައްސަލައެއް، 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 ހާއިރު ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން، އޭނާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައިވާ ކަމަށާއި އެއަށްފަހު އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީވެސް ފިރިހެން ކުދިން ކަމަށާއި ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނިނަމަވެސް އެހިސާބުގަނޑު ބައެއް ފަރާތްތަކުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން އަދިވެސް ބުނެފައިވަނީ، އަންހެން މީހާ ވިއްސީ އޭނާގެ މަންމަ ކަމަށާއި ނިޔާވި ކުއްޖާ ފެނިފައިވަނީ ގޭތެރެއަށް އެމީހުން ވަދެ، ހޯދި ހޯދުމުން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


