ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރަން ރުހުން ދިނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.
ސަމީރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެނޭތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެހި ވޯޓުގައި ބައިވެރިވި 55 މެންބަރުން ވެސް ވަނީ، އެ މަގާމަށް އޭނާ އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓުދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ.
ފަނޑިޔާރު ސަމީރަކީ 2011ވަނަ އަހަރުން ފެށިގެން 2022ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ ފުރުއްވައިފައެވެ.




