އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 4 ވަނަ ސެގްމަންޓުގެ މަސައްކަތް މި މަހު ނިންމާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.
އަމީނީމަގު މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އެމްޓީސީސީންނެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށް ގެންދަނީ، މި މަޝްރޫއުގެ ފަހު ސެގެމަންޓުގެ މަސައްކަތްތަކެވެ.
އެމްޓީސީސީއިން ބުނީ، ސެގެމްންޓު 4ގެ ދަށުން ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމަށްފަހު އަލުން އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ބުންޏެވެ.
އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓު 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓު 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.
އަދި ތިންވަނަ ސެގްމަންޓުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، ސެގްމަންޓު 4ގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. 4ވަނަ ސެގްމަންޓުގައި ހިމެނެނީ، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަޙައްދެވެ.




