އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފުއްޕާމެއާއި ކެންސަރުގެ ބައްޔަށް ފަރުވާދޭ ޚާއްސަ ޔުނިޓު ހިންގަމުން އައި ތަނުގައި އައު އިމާރާތެއް ތަރައްޤީ ކުރުމުގެ ޕްލޭނެއް އެބައޮތްކަމަށް ޓާޝަރީ ހޮސްޕިޓަލުތަކުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ހަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިދިޔަ އަންގާރަ ދުވަހު ވާހަކަދައްކަވަމުންނެވެ.
އައިޖީއެމްއެޗު ތަރައްޤީ ކުރިފަހުން 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިވީ މުއްދަތުގެ ތެރޭގައި އެތަނުގެ މެއިންޓަނަންސްއަށް މާ ބޮޑު އަހައްމިޔަތުކަމެއް ދީފައިނުވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން 2 ފަހަރެއްގެ މަތިން އެ ހޮސްޕިޓަލުގައި ހާދިސާތައް ހިނގާފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އެގޮތުން އޭނާ ވިދާޅުވީ، އެ ހޮސްޕިޓަލުގެ އޮންކޮލަޖީ އަދި ޕަލްމޮނަލަޖީ ހިންގާ ވިންގަކީ ޚިދުމަތް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވުމުން އެތަން ހުސްކޮށްފައިވާ ކަމަށާއި އެ ޚިދުމަތްތައް މިހާރު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޕްލޭން ކޮށްފައިވަނީ، އެ ޚިދުމަތް ދެމުންދިޔަ ވިންގުގައި އައު އިމާރާތެއް ތަރައްޤީ ކުރުމަށް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
”މިހާރު އޮންކޮލަޖީއާއި ޕަލްމޮނަލަޖީ ޑިޕާޓްމަންޓް އެއްކޮށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ޚިދުމަތް ފޯރުކޮށްދޭނީ އެތަނުގައި. މިހާރު ޕްލޭންކޮށްފައި އޮތީ އެ ވިންގް އެއްކޮށް ނައްތާލުމަށްފަހު އައު އިމާރާތެއް ތަރައްޤީކުރުމަށް. ސަރުކާރުން ފައިސާ ހަމަޖެއްސުމާއެކު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޕްލޭން ކޮށްފައިވަނީ.“ ޓާޝަރީ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.



