ބައެއް ކައުންސިލް ރައީސުންގެ މަޤާމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ހޮވުމަށްޓަކާ ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ހެނދުނުގެ 10 ޖެހުމާ ހަމައަށް 317 މީހުން ވޯޓު ލައިފިއެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ.
މިއަދު ކުރިއަށްގެންދާ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ، ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަޤާމާއި، ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރުމަށެވެ.
މި އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަކީ:
° ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމަށް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – 1 ކެންޑިޑޭޓް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް – 1 ކެންޑިޑޭޓް
° ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް
އަމިއްލަ ގޮތުން ވާދަކުރާ – 1 ކެންޑިޑޭޓް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް – 1 ކެންޑިޑޭޓް
° އައްޑޫސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ – 1 ކެންޑިޑޭޓް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ – 1 ކެންޑިޑޭޓް
° ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް
އަމިއްލަ ގޮތުން ވާދަކުރާ – 1 ކެންޑިޑޭޓް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ – 1 ކެންޑިޑޭޓް
މި ބައި-އިލެކްޝަނުގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބަހައްޓާފައިވެއެވެ. އަދި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 3776 ފަރާތަކަށް ލިބިގެންވެއެވެ. މި އިންތިޚާބުގައި 81 އޮފިޝަލުން އަދި 100އަށްވުރެ ގިނަ މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެރިވާނެކަމަށް އީސީން ބުނެފައިވެއެވެ.
އީސީން ހާމަކުރި އަދާހަމައިން ދައްކާ ގޮތުގައި މި އިންތިހާބުތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން، ހެނދުނު 10 ޖެހުމާ ހަމައަށް 317 މީހުން ވޯޓުލާފައިވާއިރު، 3459 މީހުން އަދި ވޯޓު ނުލައެވެ.



