އުމުރުން އެންމެ 3 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާއި އެކަން ވީޑިއޯކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ އަންހެނުން ވިހެއި އެއްމާބަނޑު ދެ ތުއްތު ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
އެނގިފައިވާ ގޮތުގައި މި ދެ ކުދިންވެސް ދައުލަތަށް ނަގާފައިވަނީ އަންހެން މީހާ ވިހައިގެން ހޮސްޕިޓަލުގައި އޮއްވައެވެ.
މީގެ އިތުރުން، ޖިންސީ އަނިޔާ ލިބުނު ކުއްޖާއާއި ދެމަފިރިންގެ ކުޑަ ފިރިހެން ދަރިއަކުވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީގެކުރިން ދައުލަތުން ވަނީ ނަގާފައެވެ.
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން، އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭނާ ހައްޔަރުކުރިއިރު އަންހެނުން އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.
މި މައްސަލާގައި ކުދިންގެ މަންމަގެ އެއްވެސް ބައިވެރިވުމެއް ނުވަތަ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.



