އަލަށް ގެދޮރު ގަތުމަށް އެހީދޭ (ހެލްޕް-ޓު-ބައި) ސްކީމާއި ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
މޮ ސްކީމަކީ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހިންގާ ”ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު“ ތަންފީޒުކުރުމުގެ ގޮތުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން އަލަށް ގެދޮރު ގަންނަން ބޭނުންވާ ދިވެހި ރައްޔިތުންނަށް ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ގެދޮރު ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ސްކީމެކެވެ.
މި ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ hiyaavehi.housing.gov.mv މެދުވެރިކޮށެވެ.
ހެލްޕް ޓު ބައިގެ ދަށުން ގެދޮރު ގަތުމަށް އެހީދެނީ، ދެ ކެޓަގަރީއަކުންނެވެ. އެއީ:
° ކެޓަގަރީ 1: ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަތުމަށް ދޭ އެހީ (ހެލްޕް ޓު ބައި އެފޯޑަބަލް)
މިއީ، ސަރުކާރުންދޭ ލުއިތަކާއެކު ޕްރައިވެޓް ޑިވެލޮޕަރުން އިމާރާތް ކުރާ ހެޔޮ އަގުގެ ހައުސިން ޔުނިޓުތައް ގަތުމަށް ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީތެރިވުމަށް ދޭ އެހީއެކެވެ. މި ކެޓަގަރީ ކުރިއަށް ދާނީ، މާލޭ ސަރަހައްދު ފިޔަވައި އެހެން ރަށްތަކަށެވެ. ކެޓަގަރީ 1ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދޭ 250،000 ރުފިޔާ ޑިވެލޮޕަރަށް ދޫކުރުމަށް ފައިނޭންސިން ފެސިލިޓީ ހަމަޖެހިފައިވާ މާލީ އިދާރާއެއްގެ އެސްކްރޯ އެކައުންޓަށް ދޫކުރާނެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އިމާރާތްކޮށްފައިވާ ތަނަކަށް ހައުސިން ޔުނިޓެއް ގަތުމުގެ މުއާމަލާތުގައި ހައުސިން ޔުނިޓުތަކަށް ޖީއެސްޓީ ދައްކަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާ ހާލަތުގައި ޖީއެސްޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން ޖެހޭ ބައި 600 އަކަފޫޓަށް ވުރެ ބޮޑުނުވުން ހިމެނެއެވެ.
° ކެޓަގަރީ 2 : ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ދޭ އެހީ (ހެލްޕު ޓު ބައި މާކެޓް ރޭޓް ޔުނިޓްސް)
ވިޔަފާރި އުސޫލުން ވިއްކާ ގެދޮރު ގަތުމަށް ދޭ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ އަލަށް ގެދޮރު ގަންނަ ފަރާތްތަކުން، އެ ފަރާތަށް ހައުސިންގ ޔުނިޓެއް ލިބުނުކަމުގެ ލިޔުމެއް ލިބުމުން ނުވަތަ ހައުސިންގ ޔުނިޓެއް ލިބުނުކަމުގެ ލިޔުމެއް ހޯދުމުގެ ކުރިން ވެސް، މިނިސްޓްރީގެ ޕޯޓަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ކެޓަގަރީ ކުރިޔަށް ދާނީ، މުޅި ދިވެހިރާއްޖެއަށެވެ.
ހެލްޕް ޓު ބިލްޑް:
މި ޕްރޮގްރާމް އެކުލެވޭ ހެލްޕް ޓު ބިލްޑުގެ ދަށުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތް ކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިބައި އަމާޒުކޮށްފައިވަނީ، މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. އެގޮތުން 1،000،000 ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200،000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. އާއިލީ ބިމެއްގައި އެއް ފަރާތަށްވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތެއްގައި، ބޮލަކަށް 200،000 ރުފިޔާގެ މަގުން 1،000،000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ޕޭމަންޓުގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ. މި އުޞޫލު ހިނގާނީ، މާލޭގެ ބިންތަކަށް އެކަންޏެވެ.
ކުރެހުމާއި ބީއޯކިއުއަށް ބަލައި 1 މިލިއަނަށްވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ، ބޮލަކަށް 200،000 ރުފިޔާއެވެ. މިއީ، އަނބުރާ ދައްކަން ނުޖެހޭ އެހީއެކެވެ. ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަން ޖެހޭނެއެވެ.
ހެލްޕް ޓު ބައި:
އެފޯޑަބަލް ހައުސިންގ: ޕީޕީޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެއެވެ. މިއީ، 2024 ގެ ’ހިޔާވަހި‘ ސްކީމާ ވަކިން ހިންގާ ސްކީމެކެވެ۔
މިސްކީމުގެ ދަށުން ރިއަލް އެސްޓޭޓް އުސޫލުން މާކެޓު އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށްވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ، ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނި ކުރާނެއެވެ.



