އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓް މިއަދު ފުރައިފި އެވެ.
އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ކޮންޓިންޖެންޓްގައި ހިމެނެނީ ފަސް އެތުލީޓުންނާއި އެ އެތުލީޓުންގެ ކޯޗުންގެ އިތުރުން، ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރާއި، އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ.
ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ޗެފް ޑި މިޝަން، ޓީޓީ އެސޯސިއޭޝަންގެ ރައީސް، އަލީ ރަޝީދު (އައްޔަ) އާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ފުރާފައި ވަނީ އިއްޔެއެވެ. އަދި، އެތުލީޓުންނާއި، ކޯޗުން ފުރީ މިއަދު އެވެ. އެމީހުންނާއެކު، އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ) ވެސް މިއަދު ފުރާވަޑައިގެންނެވި އެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން 4 ކުޅިވަރަކުން ޖުމްލަ ފަސް އެތުލީޓުން ވާދަ ކުރާނެއެވެ. އެއީ ދީމާ އާއި އިބާދުﷲގެ އިތުރުން، ބެޑްމިންޓަނުން ފާތިމަތު ނަބާހާ، އަދި ފެތުމުން އައިޝާތު އުލްލާ ޝާއިގް އާއި، މަހައްމަދު އާން ހުސައިނެވެ.
މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ “ޕެރިސް 2024 އޮލިމްޕިކްސް” ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ، ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމް އެވެ.
މިއަހަރުގެ އޮލިމްޕިކްސް ގޭމްސްއަކީ ރާއްޖެއަށް ތާރީޚީ ގޭމްސް އެކެވެ. އެއީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެތުލީޓަކު ކޮލިފައި ވެގެން ގޭމްސްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމަށް ވާތީ އެވެ. ކޮލިފައިވެގެން ގޭމްސްގައި ބައިވެރިވާ ކުޅުންތެރިޔަކީ ޓީޓީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އެވެ.



