މަގުމަތީގައި ގޮނޑިމޭޒު ބަހައްޓައިގެން ޚިދުމަތްދޭ ހުޅުމާލޭ ވިޔަފާރިތަކުން އެކަން އެގޮތަށް ނުކުރުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން އަންގައިފި އެވެ.
މިގޮތަށް އަންގައި އެކުންފުނި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ ރެސްޓޯރެންޓް އަދި ޓޭކް އަވޭ ޕޮއިންޓްތަކުން ގޮނޑި، މޭޒު ބަހައްޓައިގެން ޚިދުމަތް ދެމުންގެންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާކަމަށެވެ. އަދި، އެގޮތަށް ދުވާރު މައްޗާއި ހެޖުތެރޭގައި ގޮނޑިއާއި، މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އަންގައި، އާންމުންނަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބަހައްޓިފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގައި ދިނުމަށް އެޗްޑީސީން އެދިފައި ވެއެވެ.
އެޗްޑީސީން ވަނީ ވިޔަފާރި ކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެޗްޑީސީން ދީފައި ވެއެވެ.
އެޗްޑީސީން ބުނީ، ދުވާރުމަތީގައާއި، ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަތަކެތި ބަހައްޓައިގެން ވިޔަފާރި ޚިދުމަތް ދެމުން އަންނައިރު، އެކަމުގެ ސަބަބުން އާންމުންނަށް ގިނަ ދަތިތައް ކުރިމަތިވެގެން، އެކަމުގެ ޝަކުވާ އާންމުން އެ ކޯޕަރޭޝަނަށް ހުށަޙަޅާފައިވާކަމަށެވެ. އެޝަކުވާތަކުގެތެރޭގައި، ހިނގާ ބިގާވެ އުޅޭ ފަރާތްތަަކަށް ދަތިވާގޮތަށް ދުވާރު ބޭނުންކުރުމާއި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އސްތިުއމާލު ކުރުުން ހިމެނެއެވެ. އަދި އެކަމުގެ ސަބަބުން، އާންމުންނާއި، ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާއި ޚިލާފު އިބާރާތްތަކުން މުއާމަލާތްކުރުމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުން ވެސް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންމުގައި އާންމުން އެކުންފުންޏަށް ދެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.



