އަންނަ ހުކުރު ދުވަހު ޕްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސް ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފުރާ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ފްރާންސަށް ވަޑައިގަންނެވީ، ފްރާސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން ދެއްވި ދަޢުވަތަކަށެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި، ދިވެހި އެތުލީޓުން ބައިވެރިވާ މުބާރާތްތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.
މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ. އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި މިއަހަރު ބައިވެރިވާ ދިވެހި ވަފުދުގެ އެތުލީޓުންނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި، ސަރުކާރުން ދިވެހި ކުޅިވަރު ތަރައްޤީ ކުރުމަށް ދެއްވާ އިސްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފަ އެވެ.
ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.



