ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީފި އެވެ.
މިގޮތަށް ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އެދިފަ އެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނާއި ޤަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު -/100,000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު އެ ވުޒާރާއިން މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ލިސްޓުގައިވާގޮތުން ޖޫރިމަނާގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަންޖެހޭ ފަރާތުގެ ޖޫރިމަނާވެސް 26.8 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރައެވެ. މީގެ ތެރޭގައި ވޯރކް ޕަރމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 24 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި، ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.
ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާ 1026 ފަރާތެއްގެ ނަމާއި، އެ ފަރާތުން ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ހިމެނޭ މި ލިސްޓް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް އާންމުކޮށްފަ އެވެ. މީގެ ތެރޭގައި އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް ހިމެނެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ލިސްޓް އެކުލަވާލާފައިވަނީ، މިމަހުގެ 23ގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމުން ނަގާފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށްނެވެ.، މި ދުވަހާ ހަމައަށް ކެންސަލްކޮށްފައި ނުވާ ވަރކް ޕަރމިޓްތަކުގެ ވަރކް ޕަރމިޓް ފީ ބަލާފައިވަނީ މި ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ފީގެގޮތުގައި ކަމަށާއި، ވަޒީފާދޭ ފަރާތުން ކެންސަލްކުރަން ބޭނުންވާ އެއްވެސް ވަރކް ޕަރމިޓެއް ކެންސަލްކޮށްފައިނުވާނަމަ އެ ވަރކް ޕަރމިޓްތައް ކެންސަލްކުރުމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އަންގާފަ އެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވަނީ މި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 2024 އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކާ ޚަލާސްކުރުމަށް އަންގާފަ އެވެ. މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.


