ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގެ ދަށުން ”ސޯލާ ސިޓީ“ ގާއިމުކުރެވުމާއެކު މާލެ ސަރަހައްދުގައި ތެލަށް ކުރާ ޚަރަދު %50 ކުޑަވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ސިޔާދަތީ މިނިވަންކަން ޔަޤީންކުރުމަށް ޤައުމުގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަމުން އަންނަކަމަށެވެ. އެގޮތުން، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެކި ދާއިރާއިން އިޤްތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ. މި ސިޔާސަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދެއްވަނީ ދައުލަތުގެ ރިޒާވް ރަނގަޅުުރުމަށް ދަރަނި ކުޑަކުރުމަށާއި، ތެލަށް ކުރާ ޚަރަދުކުޑަކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ،
ރައީސް ވިދާޅުވީ، މިހާރުވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު 600-500 ޑޮލަރައަށް އަރާ ކަމަށާއި، އިގުތިސާދީ ސިޔާދަތު ކަށަވަރުކުރަންޏާ ތެލަށް ކުރާ ޚަރަދު ކުޑަކުރަންޖެހޭކަމަށެވެ. އެގޮތުން، ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯން(ޢެސްއީޒެޑް)ގެ ދަށުން ސޯލާ ސިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެސްއީޒެޑް ގާނޫނު ތަސްދީގުކޮށް، ހުޅުވާލުމުން ފުރަތަމަވެސް ލިބުނީ ސޯލާ ސިޓީއެއް ގާއިމުކުުރުމުގެ މަޝްރޫއެއްގެ ޕްރޮޕޯސަލްއެއް ކަަމަށާއި، އެޕްރޮޕޯސަލް ހުށަހެޅި ފަރާތަށް އެ ސިޓީ ގާއިމުކުރުމަށް ބަނޑޮސް ކައިރީ އޮތް ފަޅުރަށެއް ހަމަޖައްސައި، އެއްބަސްވުމަަކަށް އައިސް، 100މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ ސޯލާ ސިޓިއެއް ގާއިމުކުރުމުގެ ހުއްދަ އެ ފަރާތައް ދީފައި ވާކަމަށެވެ. އެހެންނަމަވެސް، އެ މަޝްރޫއު ހިންގަން ދިނީ ކޮންފަޅެއް ކަމެއް އަދި މަޝްރޫއު ހިންގަނީ ކޮން ކުންފުންޏެއްކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.
ރައީސް ވިދާޅުވީ، މާލެ ސަރަހައްދަށް މިހާރު ބޭނުންވަނީ 150 މެގަވޮޓްގެ ކަރަންޓުކަމަށާއި، ސޯލާ ސިޓީން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ގުޅާލެވުނީމައި، މާލެ ސަރަހައްދުން ތެލަށް ކުރާ ޚަރަދު ދެބައިކުޅަ އެއްބަޔަށް ދަށްވެގެންދާނެކަމަށެވެ.
”މާލެ ސަރަހައްދަށް، މިބޭނުންވަނީ އެންމެ ގިނަވިޔަސް، ހުޅުމާލެ، ހުޅުލެ، މާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު، މުޅި ސަރަހައްދަށްވެސް ބޭނުންވަނީ 160-150މވ ގެ ކަރަންޓް އެންމެ ގިނަވިޔަސް. އެހެންވީމައި މި ދެންނެވި އެސްއީޒެޑް ސޯލާ ސިޓީގެތެރެއިން މި 4-3 އަހަރުގެތެރޭ މަޝްރޫއު ނިމޭނެ. އޭގެތެރެއިން އެ ގުޅުވާލާނެ ކަނޑު އަޑިން ސްޓެލްކޯ ގްރިޑަށް 100މވ ލިބޭނެ. ނަތީޖާއަކަށްވާނީ މިހާރު ތެލަށްކުރާ ޚަރަދު %50 މި ފަސް އަހަރުތެރޭ ދަށްކުރެވިގެންދާނެ މި ސަރަހައްދުގަ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުން ދިރިއުޅެނީ ފުރަމާލެ ސަރަހައްދުގައި ކަމަށާއި، ކުރިޔަށް އޮތް ތާނގައި އެހެން އާބާދީތަކަށްވެސް މި ފަދަ މަޝްރޫއު ފުޅާކުރައްވާނެކަމަށެވެ.
އިގުތިސާދު ސިންދަފާތުކުރުމަށް އަޅުއްވާ ފިޔަވަޅުތައް އިތުރަށް ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގ ސަރވިސް އަމަލީގޮތުން މިއަންނަ މަހު ފެށޭނެކަމަށެވެ. އަދި މި ޚިދުމަތް ފެށޭތާ ފުރަތަމަ 1 އަހަރުދުވަހުގެ ތެރޭގައި ޖީ.ޑީ.ޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގެ ދަރަނި ކުޑަކުރެވި، ދައުލަތަށް އާމުދަނީ އިތުރުވެ، އިތުރު ވަޒީފާތައްވެސް އުފެދޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.




