ދިވެހި ސަރުކާރުން ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަަކަފުޅުގައި ރާއްޖެއިން ގުޅުން ގާއިމުކޮށްފައިވާ އެކުވެރި ދައުލަތްތަކާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން ވަކި ވަކި ވިޔަފާރިތަކަށްވެސް ފައިދާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންގެންދާކަން ފާހަގަކުރައްވައި، ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރެއްވުމަށް ކުރަމުންދާ މަސައްކަތްތައް އަދާހަމަކުރެއްވި އެވެ. އެގޮތުން، ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން މިހާރު ކުރިޔަށްދަނީ ގާނޫނީ މަރުހަލާކަން ފާހަނގަކުރައްވައި، އެމަރުހަލާ ނިމުމާއެކު، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ އެއްބަސްވުން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށާއި އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ސަބަބުން 9 ސެކްޓަރަކުން ޑިއުޓް ފްރީވެގެންދާނެކަން ފާހަނގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތުތަކެއްކަމަށެވެ.
މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ހިނގައްޖެކަން ހާމަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވާނެކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅުކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
”އަޅުގަނޑު ތުރުކީއަށް ކުރި ދަތުރުގައި އެވާހަތަށް ފެށިގެން މިއަދާހަމަޔަށް މިއައީ. ތުރުކީއަށް ދިޔައީ އިރާދަކުރެއްވިއްޔާ ސްޓްރެޓެޖިކަލީ ރާއްޖެއަށް ބޭނުންތެރި ކަންތައްތަކެއް ކުރުމުގެ ބޭނުމުގައި. ގޮސްގެން އޭގެ ނަތީޖާ ރަނގަޅު. 53 އައިޓަމަލުން އިރާދަކުރެއްވިއްޔާ ތުރުކީގެ އެފްޓިއައިގައި ސޮއިކުރެވޭނެ. ގިނަ ބާވަތްތައް %0 ޑިއުޓީގައި ލިބިގެންދާނެ.“ ރައީސް ވިދާޅުވި އެވެ.
އެކުވެރި ދައުލަތްތަކުގެ އެހީގައި ވިޔަފާރިތައް ކުރެއެރުވުމަށް ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތައް ފާހަނގަކުރައްވާއި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިނގިރޭސިވިލާތާއެކުވެސް މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ. އަދި އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމުގެ އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޗައިނާއާއި އިންޑިއާއާއެކު ”ކަރަންސީ ސްވެޕް އެގްރީމެންޓް“ އަކަށް އައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން 2 ގައުމުގެ ވިޔަފާރިއަށްވެސް ޑޮލަރުގައި ނުޖެހި، ވިޔަފާރި ކުރެވި، މިހާރު އޮތް ޑޮލަރުގެ ދަތިކަން ކުޑަވުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި އެހެން ބަޔަަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، އިގުތިސާދެއް ބިނާކުރުމަށް މަގު ފަހިވެގެންދާނެކަމަށެވެ.



