މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިންގަން ދެން ގެންނާނީ މަސްވެރިކަމުގެ ސިނާއަތުގެ އެއްވެސް ބަޔަކާ ގުޅިފައި ނެތް، މިނިވަން ތަޖުރިބާކާރު ބޭރުގެ ފަރާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަސް ފާހަނގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގައުމުގެ ވެރިކަމާއި ހަވާލުވީއިރު ސަރުކާރުގެ ކުންފުނިތައް ހުރީ ބަނގްރޫޓްވާން ގާތްވެފައިވާކަމަށާއި، ކުންފުނިތައް ހިންގަމުން ދިޔައީ ނަމެއްގައި ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އިގުތިސާ އިސްލާހީ އެޖެންޑާގެ ތެރެއިން އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ އެސްއޯއީތައް ރީފޯމް ކުރުމަށްކަމަށާއި، މިހާތަނަށް އާއިއިރު އެކުންފުނިތައް ރިފޯމްކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ފާހަނގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، އެމަސައްކަތްތަކުގެ ދަށުން މިހާތަނަށް އާއިރު އެންމެ މުހިންމު މަަސައްކަތްތަކެއް ކުރެވިގެން ދިޔައީ މިފްކޯ އިސްލާހުކުރުމަށް ކަމަށާއި، އެގޮތުން މިފްކޯ ވަކިން ހިންގާ ކުންފުންޏަކަށް ބަދަލު ކުރުމުގެ އިތުރަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އެގޮތުން، މިހާރު އެންމެ ބޮޑު މަސައްކަތަކަށް ކުރެވޭ ކަމަކީ، މިފްކޯ މިހާރު އޮތް ހާލަތުން އެތަން ނަގާ ކޮށްޅަށް ޖެހޭނީ، ދުނިޔޭގެ ފެންވަރުގެ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފެންވަރުގެ ކުންފުނިތައް ހިންގާފަ ހުރި ފެންވަރު ރަނގަޅު ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔަރކޮށްގެން ގެނެސް މިފްކޯ ހަވާލުކުރުމުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ ނިންމުމެއް ނިންމީ، ދިވެއްސަކަށް ކުންފުނި ނުހިންގޭނެތީ ނޫންކަމަށާއި، މިގޮތަށް ނިންމީ މިދިޔަ އަހަރުތަކުގެ ތެރޭގައި މިފްކޯގެ ތެރޭގައި ހިނގާފަހުރި ކަންތަކުގެ އަލީގައި، އެތަން ހަމަމަގަށް އަޅުވައި، ރާއްޖޭގެ އިގުތިސާދު ކުރިޔަށްގެންދަން ބޭނުންވާނަމަ، އަދި މަސްވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރާނަމަ މިފްކޯ ރަނގަޅުމަގަށް އަޅުވަންޖެހޭ ކަމަށް ފެންނާތީ ކަމަށެވެ. އަދި މިފްކޯއަކީ ދިވެހީންގެ މަސްވެރިކަމުގެ އެންމެ މުހިންމު ކުންފުންޏަށްވާއިރު އެތަން ހަރުދަނާކުރަން މިފަދަ ފިޔަވަޅެއް އަޅަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
”މިފްކޯއާ ހަވާލުވާން ބޭނުންވަނީ ބޭރުގެ ތަޖުރިބާކާރެއް. މީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުތެރޭގެ އެއްވެސް ފަރާތަކާ ގުޅިފައި ނެތް މީހެއް. އަޅުގަނޑުމެންނަށް އެބަ އިނގޭ މިފްކޯ ދަރަނިވެރިވާގޮތް. ވަރަށް ރަނގަޅަށް. އޭގެ އެއްވެސް ނުފޫޒެއްގައި ނުޖެހޭނެ މިނިވަން މީހަކު ގެނެސް އެތަނާއި ހަވާލުކުރުމުގެ މަސައްކަތް މިކުރަނީ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިފަދަ އެތައްކަމެއް އެސްއޯއީތައް ރީފޯމްކުރުމަށްޓަކައި ކުރަމުން އަންނަކަމަށާއި، އެކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓްރީމްލައިންކޮށް، އެފިޝީއެންޓްކޮށް، އެފެކްޓިވްކޮށް ހިންގަން ފެށީމައި އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.



