އިޒްރޭލް އަސްކަރީން ފަލަޞްޠީނުގެ ގާޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 30 މީހުން މަރުވެއްޖެ އެވެ.
ގާޒާގެ މެދުތެރޭ ”ދީރް އަލް ބަލަހް“ ގެ ސިޓީގައި ހުންނަ ސްކޫލަކަށް އިޒްރޭލު ސިފައިން ދިން މި ހަމަލާގައި 30 މީހުން މަރުވެ 100އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަމަށް ގާޒާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ހަމާސް ޖަމާއަތުން ބުނެފައިވަނީ އިޒްރޭލުން ހަމަލާދިން ސްކޫލަކީ، ހާލުގައި ޖެހިފައިވާ އެތަކެއް ފަލަޞްޠީނުގެ ރައްޔިތުންނެއް ވަގުތީ ބޯހިޔަލެއްގެ ގޮތުގައި ބޭނުންކުރާތަނެއްކަމަށެވެ. އަދި، ހަމާސްއިން ވަނީ އެހަމަލާ ކުށްވެރިކޮށްފައެވެ.
އިޒްރޭލް އަސްކަރިއްޔާއިން ވަނީ މިހަމަލާގެ ޒިންމާ އުފުލާފަ އެވެ. އިޒްރޭލުން ބުނެފައިވަނީ އެސްކޫލަށް ހަމަލާދިނީ ހަމާސް ހަނގުރާމަވެރިން އެ ސްކޫލް ފިލާތިބޭތީއާއި، އެމީހުން އެތަން ހަތިޔާރު ގުދަން ކުރަން ބޭނުންކުރަމުން އަންނަކަމުގެ ޖާސޫސް މައުލޫމާތު ލިބުމާއި ގުޅިގެން ކަމަށެވެ. އަދި އެތަން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާދޭން ރާވަމުން އަންނަކަންވެސް އެނގިފައިވާކަމަށެވެ. މި ހަމަލާ ދިނުމުގެ ކުރިން މަދަނީން އެތަނުން ނިކުންނަން ވަގުތު ދިންކަމަށްވެސް އިޒްރޭލު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
އިޒްރޭލު ސިފައިން ވަނީ ދީރް އަލް ބަލަހް ގައި ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. މިއަދު ހެނދުނުން ފެށިގެން އެއަވަށުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 53 މީހުން ޝަހީދުވެ 189 މީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔައަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަޞްޠީނުގެ 39،000އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފަ އެވެ.



