11 ވަނަ ކޮމަންވެލްތު ކުޅިވަރު މިނިސްޓަރުންގެ ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންފި އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ހަވާސާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކޮމަންވެލްތުގެ މެންބަރު 56 ގައުމަކުން ބައިވެރިވި އެވެ. މި ބައްދަލުވުމުގެ މައިގަނޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅިވަރުގެ ތެރެއިން އެއްބައިވަންތަވެ، އެންމެން ގުޅިގެން އުޅޭ މުޖުތަމަޢުއެއް ބިނާކުުރުމާ ގުޅޭގޮތުންނެވެ.
ދެ ދުވަހަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރުގެ ސަބަބުން މުޖުތަމައުއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ގައުމުތަކުގެ މިވަގުތު ހާލަތުވެސް ވަނީ ހިއްސާކޮށްފަ އެވެ.
މިނިސްޓަރު ރާފިއުވަނީ 2024ގެ ޕެރިސް އޮލިމްޕިކްސްގެ ހަވާސާގައި އޮތް ”ޗޭންޖް ދަ ގޭމް“ މިނިސްޓީރިއަލް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގަންނަވާފަ އެވެ. ކުޅިވަރުގެ އެކި ދާއިރާތަކުގެ މާހިރުންނާއިއެކު އޮތް މި ބައްދަލުވުމުގައި ގިނަ ގައުމުތަކެއްގެ މަންދޫބުން ބައިވެރިވި އެވެ. ހަމަހަމަ ގޮތެއްގައި ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުމަކީ ޔުނެސްކޯއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގެ ސަބަބުން ކުޅިވަރުގެ ދެމެހެއްޓިނިވި ތަރައްގީއަށް ބޮޑު އަސަރެއްކުރާނެކަމަށް މި ފޯރަމް އިންތިޒާމްކުރާ ފަރާތުން ގަބޫލުކުރެ އެވެ.




