ގައުމީ އެއާލައިން މޯލްޑީވިއަންއަށް ވައިޑް ބޮޑީ އެއާކްރާފްޓްް އޮޕަރޭޝަންތައް ތައާރަފް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް މޯލްޑިވިއަނުން އެކަމަށް ތައްޔާރުވާން ފަށައިފި އެވެ.
މޯލްޑިވިއަން އޮަޕަރޭޓްކުރަމުން އަންނަ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑްއިން ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެކުންފުނިންވަނީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމަށްވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއަރބަސްގެ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެެޑާއި ފުޅާ ދާއިރާއެއްގައި މިފަދަ އެއާކްރާފްޓްތައް ދުނިޔޭގެ އެކި ގައުމުތަކަށް ފޯރުކޮށްދެމުން އަންނަ ޓްރޫނޯޑް ކުންފުންޏާ ދެމެދުގަ އެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ. ޓްރޫނޯޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރ ކާސްޓް ލިންޑްބޫމް އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނާއި، ދެ ކުންފުނީގެ މުހިއްމު މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.
އައިއޭއެސްއިން ބުނީ، މިއީ ނަތީޖާ ނެރެދޭ ޕާޓްނަޝިޕެއް ފެށުންކަމަށާއި، މޯލްޑިވިއަންގެ ފްލީޓަށް އޭ330-200 ތައާރަފް ކުރުމުން އެއާލައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުވެ، އާ މަންޒިލްތައް ހޯދުމުގެ ފުރުސަތު ލިބުމުގެ އިތުރުން ފަސިންޖަރުންނަށް ދަތުރުގެ މަތީ ފެންވަރުގެ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ، މޯލްޑިވިއަންގެ ކުރިއެރުމާއި އިނޮވޭޝަނަށް ދެމިއޮތް ޚިދުމަތްތެރިކަމުގެ ހެއްކެއް، ކަމަށެވެ. އަދި، ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ ޤައުމީ އެއަރަލއިންނަށް ވާދަކުރަން ހުޅުވޭ ދޮރެއް ކަމަށެވެ. އިޔާސް އިތުރަށް ވިދާޅުވީ، “އޭ330 އަކީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ނެޓްވޯކް ފުޅާކުރުމާއެކު، މި ސަރަޙައްދުގައި ފަތުރުވެރިކަމާއި ވިޔަފާރިއަށް އާ ފުރުޞަތުތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބޯޓެއް ކަމަށެވެ. އޭގެ ސަބަބުން އެފިޝަންސީ، ރޭންޖް ފުޅާވެ، ދަތުރުވެރިންނަށް ފަސޭހަ އަރާމު އަދި ފްލެކްސިބަލް ފްލައިޓް އޮޕްޝަންތައް ލިބިގެންދާނެކަމަށް އިޔާސް ވިދާޅުވި އެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު ޤައުމީ އެއަރލައިންނަށް ގެނައުމަށް ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. މިއަހަރުގެ ނޮވެމްބަރުމަހު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް ދުރު ރާސްތާތަކަށް ޑައިރެކްޓް ދަތުރުތައް ފަށަން އަމާޒު ހިފާފައިވާއިރު، އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދަތުރު ފަށާނީ ޗައިނާއަށެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތަކާއެކު، 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ހައި ސީޒަންގައި ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.



