އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދުގެ ކޮންސަލްޓެންސީ ބޭނުން ނުވާކަމަށާއި، އަދި ކުންފުނީގެ އިސްރާފު ބޮޑުކޮށް، ދަރަނި އިތުރުކޮށް، ގެއްލުމުގައި ކުންފުނި ހިންގި ގޮތަށް، އެ ”ފުޓްސްޓެޕް“ ގައި ކުރިޔަށްދާން ބޭނުންނުވާކަމަށް މިހާރުގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވީ މިއަދު އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިގެ ކުރީގެ އެމްޑީގެ ކޮންސަލްޓެންސީ ހޯދަން އައްޑޫ ސިޓީގެ މޭޔަރު ފެނަކައިގެ މިހާރުގެ މޭނޭޖެމެންޓަށް ގޮވާލާފައިވާތީ، އެ ކޮންސަަލްޓެންސީ ހޯދިއްޖެތޯ ސައުވީސްގެ ރިޕޯޓަރު އަލީ ހަމީދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޖަވާބުގައި އެމްޑީ މުއާޒު ވިދާޅުވީ، ކުންފުންޏާއި ހަވާލުވެފައި ފުރަތަމަވެސް ބެލީ ކުރީގެ އެމްޑީއާ ކުރީގެ މެނޭޖްމެންޓުން ކޮށްފަ ހުރި ކަންތައްތަކުން ފިލާވަޅެއް ލިބިގަތުމަށްކަމަށެވެ. އެގޮތުން އައްޑޫގެ ކަަރަންޓުގެ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮތުމާއެކު އައްޑޫގެ މައްސަލަ ހައްލުކުރުމަށް އޭރުގެ މެނޭޖްމެންޓުން ކޮށްފައި ހުރި ކަންތައްތައް ވަރަށް ބޮޑަށް ބެއްލެވިކަމަށާއި، ބެލި ބެލުމުން އައްޑޫގެ އިންޖީނުގެ އެޅުމުގެ މަޝްރޫއު ހިންގާފައި އޮތީ އިސްރާފުބޮޑުކޮށް ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަން އެނގުނުކަމަށް މުއާޒު ވިދާޅުވި އެެވެ.
އައްޑޫ އިންޖީނުގޭގެ އިމާރާތްކުރުމުގެ މަޝްރޫއުގެ ކަންކަން ތަފުސީލުކޮށްދެއްވައި މުއާޒު ވިދާޅުވީ، އެ އިމާރާތް ހަދަން ހަވާލުކޮށްފައި އޮތީ ނުއަގުގައި ބިއުއޯކިއުއެއްވެސް ނަހަދާ ކަމަށެވެ. އަދި މިއީ ވަރަށް އިސްރާފުބޮޑުކޮށް ކޮށްފައިއޮތް ކަމެއްކަން ފާހަގަކުރެވޭތީ އެވަރުގެ އިމާރާތެއް އެޅޭނެ އަގު ބެއްލެވި ކަމަށާއި، އެ ހޯދުންތަކުން އިމާރާތް އަޅަން ކޮންޓްރެކްޓަރަށް ދީފައިވަނީ ދެގުނަ އަގުބޮޑުކޮށްކަން އެނގިގެން ދިޔަ ކަމަށެވެ.
”އެއިމާރާތް އަޅަންވެސް، 80 މިލިއަން ރުފިޔާ ޚަރަދުކުރިއިރުގައި، އަޅުގަނޑުމެން ތަންކޮޅެއް ބޮޑުހެން ހީވާތީ ހަމަ ބޭރުތެރެއަށް ނިކުމެ، މަސައްކަތް ކުރާ މީހުން ކައިރީގައި ކުރެހުން ދައްކާލާފައި ފުރަތަމަ ބެލީ ކިހާވަރަކަށް މިވަރުގެ ތަނެއް ހެދިދާނެތޯ އަމިއްލަ ލާރީގައި. އަމިއްލައަށް ހުރިހާ މުދަލެއް ހޯދައިގެން ކިހާވަރަކަށް އެޅިދާނެތޯ. އެބޭފުޅުން ވިދާޅުވީ، 44 ވަރަކަށް މިލިއަން ރުފިޔާއަށް ހެދިދާނެއޭ. 40 ވަރަކަށް މިލިއަން ރުފިޔާއަށް ތިވަރުގެ ތަނެއް ހަދާދީފާނަމޭ. ދެން އަޅުގަނޑުމެން އައިއްސަ މިތާނގަ ބެލިއިރުގައި ބީއޯކިއު އެއްވެސް ނެތް. ބީއޯކިއުއެއް ނެތިގެން އަޅުގަނޑުމެން ބީއޯކިއު ހަދާލިއިރު ކަމަކުދާކަށް ނެތް. މާކެޓުގެ ރޭޓު އަގުން ބަލާނަމަ 44 ވަރަކަށް މިލިއަން ރުފިޔާއަށް ނިމޭ އެވަރުގެ ތަނެއް.“ މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ކުރީގެ އެމްޑީގެ ކޮންސަލްޓެންސީ ހޯދަން މޭޔަރު ވިދާޅުވުމުން، ކޮންސަލްޓެންސީ ހޯދަން ވިސްނި ކަމަށާއި، އައްޑޫ ރައްޔިތުންނަށާއި، ކުންފުންޏަށް އެންމެ ރަނގަޅު ގޮތަކީ ކޮންސަލްޓެންސީ ހޯދުންތޯ ބެލިކަމަށެވެ. އަދި ބެލި ބެލުމުން، އިންޖީނުގެ އިމާރާތް ހަދަން އިސްރާފުކޮށްފައި އޮތުމާއި، އައްޑޫ ދަތުރުތަކަށް އަދި ޕެޓީ ކޭޝްގެ ގޮތުގައި ވެސް މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައި ބިލުތައް ނުދައްކާ ހުރިތަން ފެނުނުކަމަށެވެ. އެހެންކަމުން އެ ކޮންސަލްޓެންސީ ވެގެންދާނީ، ފެނަކައިން އިތުރަށް ޚަރަދު ކުރަން ޖެހޭނެ ކޮންސަލްޓެންސީއެއް ކަމަށް ވަޒަންކުރެވި، އެކޮންސަލްޓެންސީ ނުނަގަން ނިންމެވި ކަމަށް މުއާޒު ވިދާޅުވި އެވެ.
”ކުރީގެ އެމްޑީގެ ފުޓް ސްޓެޕްގަ ދާންވީތޯ؟ އަނެއްކާވެސް ކުންފުނި 4.3 ބިލިއަން ރުފިޔާ 8.4 ބިލިއަން ރުފިޔާއަށް ނޫނީ 8.8 ބިލިއަން ރުފިޔާއަށް ދަރަނި ގޮސް އަރުވާލަން ވީތޯ؟ އަނެއްކާވެސް އަޅުގަނޑުމެން ކުންފުނީގެ ސްޓާފުން، އޭރުގަ ތިބި ސްޓާފުން ދެގުނަ ކުރިގޮތަށް އަނެއްކާ އަޅުގަނޑުމެންވެސް 16،000 މީހުން މިތަނަށް ރެކްރޫޓްކޮށްފައި އެވަރު ކޮށްލަންވީތޯ؟ އެ ކޮންސަލްޓެންސީތޯ ނުލިބިގެން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެންނަށް އެ ކޮންސަލްޓެންސީ ކަމުނުދާތީ އައްޑޫއަށްވެސް އަޅުގަނޑުމެންނަށް އޭރު ހައްލެއް ހޯދަނުދެވި އޮތީމައި ދެންމެ ސީޓީއޯ އެ ފާހަނގަ ކުރެއްވީ އައްޑޫގައި އޭރުގައި ކުރަން ގަސްދުކުރި އެއްވެސް ކަމެއް ކުރިޔަށް ނުދިޔައޭ. ކުރިޔަށް ނުގޮސްގެން އަޅުގަނޑުމެން މި ނިންމީ. ނޫނެކޭ އެ ފުޓް ސްޓެޕްގައި ކުރިޔަށްދާކަށް ބޭނުމެއް ނޫނޭ. ކޮންސަލްޓެންސީ ބޭނުމެއް ނޫނޭ. އެ ފުޓް ސްޓެޕްގައި ކުރިޔަށް ދާކަށް ބޭނުމެއް ނޫން.“ މުއާޒު ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ އެއީ އައްޑޫ ރައްޔިތުންނަށްވެސް އަދި ދިވެހި ރައްޔިތުންނަށާއި، ކުންފުންޏަށްވެސް އެންމެ މޮޅު ގޮތްކަމަށެެވެ. އެއީ ކުރީގެ މެނޭޖްމެންޓުން އިންހައުސްކޮށް ކުރިޔަށް ގެންގޮސްފަހުރި ޕްރޮޖެކްޓްތަކަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި އޮތްއިރު، އެއްވެސް ނަތީޖާއެއް ނެރެފައި ނުވާތީކަމަށް މުއާޒު ވިދާޅުވި އެވެ.
”ކުންފުންޏަށް އެންމެ ރަނގަޅު ގޮތަކީ އެއީ އެއް ނޫނޭ. އައްޑޫ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، އެއީ އެއްނޫނޭ ދިވެހި ރައްޔިތުންނަށް އެންމެ މޮޅު ގޮތަކީ. އެހެންވީމައި އަޅުގަނޑުމެން މި ނިންމީ އަޅުގަނޑުމެން ކަންތައް ކުރާނީ، ޕްރޮޖެކްޓްތައްވެސް ހިންގާނީ ބީއޯކިއު ހަދައިގެން ދިވެހި ރައްޔިތުންނަށް ފައިދާވާގޮތަށް ކުންފުންޏަށް ފައިދާވާގޮތަށް އެކަން ކުރާނީ. އިންހައުސްކޮށް ކުރިޔަށް ގެންގޮސްފަހުރި ޕްރޮޖެކްޓްތަކުން 1 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ޚަރަދުކުރެވުނު އިރުގައި ނެރުވުނު ނަތީޖާއެއް ނެތް. ދެގުނަ ކުރި ގޮތަށް އެ ކޮންސަލްޓެންސީ ހޯދަން ބޭނުން ނުވަނީ.“ މުއާޒު ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ފެނަކައިގެ ކުރީ މެނޭޖްމެންޓުން އިމާރާތްކުރި ތަންތަނުގެ ހާލަތު ވަރަށް ގޯސްކަމަށެވެ. ފެން ލީކު ނުވާ އެއްވެސް އިމާރާތެއް އޭގެ ތެރޭގައި ނެތްކަންވެސް މުއާޒު ފާހަނގަކުރެއްވި އެވެ. ކުރީގެ މެނޭޖްމެންޓުން ހުޅުވާފައި ހުރި ރ، މީދޫ ފެނަކައިގެ އިމާރާތް މިސާލަކަށް ނަންގަވައި މުއާޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެން އެތަން އިފްތުތާހުކުރެއްވި ކަމަށާއި، މިހާރުގެ މެނޭޖްމެންޓުން ގޮސް ބަލާލިއިރު އެތަންވެސް ހުރީ ވަރަށް ދަށް ފެންވަރެއްގައި ކަމަށެވެ.
”އެއިމާރާތަށް އަޅުގަނޑުމެން ވަނިން. މުއްޓެއް ނެތް ފާޚާނާގައި. ސްވިޗްތަކުގަ ހަރުކޮށްފައި ހުރި ނަރުތަކާ އެއްޗެހި ހުރީ ބޭރަށް. އޭސީތަކެއް ރަނގަޅަށް މަސައްކަތެއް ނުކުރޭ. އެކަމު އެހެރީ ރިބަން ކަނޑާ ހުޅުވާފައި. އެއީ ހުޅުވާފައި ހުރި ތަންތަނުގެ ހާލަތު ހުރިގޮތުގެ ވާހަކަ. އެންމެ އިމާރާތެއްވެސް ނެތީ އިނގޭތޯ ރަނގަޅަށް ހުރި.“ މުއާޒު ވިދާޅުވި އެވެ.
މުއާޒުވަނީ، އެ ދެއްކެވި ވާޙަކަހައިގެ ހަގީގަތް ބެލުމަަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިގޮތަށް އަޅާފައިވާ އިމާރާތްތަކުގެ ފެންވަރު ބަލާލުމަށް ނޫސްވެރިންނަށް މުޅި ރާއްޖެއަށް ދަތުރެއް ކޮށްލަން ދައުވަތު ދެއްވާފަ އެވެ.


