ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ މިއަދުގެ ވަގުތެއްގައި މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ބަންގްލަދޭޝްގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަން ނިންމައިފި އެވެ.
މިކަން އިއުލާން ކޮށްފައިވަނީ ބަންގްލްދޭޝްގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވަކޭރް-އުއް ޒަމާން ލައިވް ޓީވީގައި ޤައުމާއި މުހާތަބު ކުރަމުންނެވެ. ޒަމާން ބުނީ އިންތިގާލީ ސަރުކާރެއް އެކުލަވާލާނީ ބަންގްލަދޭޝްގެ ރައީސްއާއި މަޝްވަރާ ކޮށް، ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭގޮތަށް ކަމަށެވެ. ޒަމާން ބުނި ގޮތުގައި މިހާތަނަށް އެކި ސިޔާސީ ޕާޓީ ތަކާއިއެކު ކުރެވުނު މަޝްވަރާ ކުރިޔަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއެކީގައެވެ.

ބަންގްލަދޭޝްގެ ރައްޔިތުންނާއި މުހާތަބު ކުރަމުން ޖެނެރަލް ޒަމާން ބުނީ އެ ޤައުމު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ކެތްތެރިވެ ތިބެ އެ ޤައުމުގެ ސިފައިންނަށް އިތުބާރު ކުރުމަށް އޭނާ ވަނީ އެދިފައެވެ.
“ އެންމެންވެސް ކެތްތެރިވެ ތިބޭ. މުޒާހަރާތަކުގައި މަރުވި އަދި އަނިޔާވި އެންމެނަށް އިންސާފު ހޯދައިދޭނަން. ކަންކަން ހަމަޔަކަށް އެޅުވުމަށް ސިފައިންނަށް ވަގުތުދީ. މި ދަނޑިވަޅު ސުލްހަވެރި ކަމާއިއެކު ހުރިހާ އެންމެންވެސް ތިބުން ވަރަށް މުހިންމު. “ ބަންގްލަދޭޝްގެ ރައްޔިތުންނާއި މުހާތަބު ކުރަމުން ޖެނެރަލް ޒަމާން ބުންޔެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޝޭހް ހަސީނާ ބަންގްލަދޭޝް ދޫކޮށް އިންޑިއާއަށް ވަޑައިގަތީ މިއަދު މެންދުރު ވަގުތެއްގައި މިލިޓަރީ ހެލިކޮޕްޓަރެއްގައެވެ. އިންޑިއާގެ ސީއެންއެން ނިއުސް 18 އިން ބުނާ ގޮތުން ހަސީނާ އާއި އޭނާގެ ދައްތަ މިހާރު ހުރީ އިންޑިއާގެ ޓްރިޕޫރާ ސްޓޭޓުގެ އަގަރްތަލާ ކިޔާ ސިޓީއެއްގައެވެ. ނަމަވެސް މިއީ ކިހާ ވަރެއްގެ ތެދު ހަބަރެއް ކަން އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.
ބަންގްލްދޭޝްގައި ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާއި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް މުޒާހަރާ ކުރަމުންދާތާ އެތައް ހަފްތާއެއް ވެފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ހިނގައިދިޔަ ކުރިމަތިލުންތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ޝޭހް ހަސީނާ މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެތައް ހާސް ބަޔަކު ދަނީ ބަންގްލަދޭޝްގެ ވެރިކަން ކުރާ ރަށް، ދާކާ ގެ މަގުތަކައް ނިކުމެ އުފާ ފާޅު ކުރަމުންނެވެ.


