މި އަހަރުގެ ސެޕްޓެމްބަރު އޮންނަ ސްރިލަންކާގެ ރިޔާސީ އިންތިހާބުގައި ނަމާލް ރާޖަޕަކްސާ ވާދަ ކުރުމަށް ނިންމައިފިއެވެ.
ސްރިލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ އެ ޕާޓީގެ ލީޑަރި ނަމާލް ކަމަށް މާދަމާ އިއުލާނު ކުރާނެއެވެ.
އުމުރުން 38 އަހަރުގެ ނަމާލް ވެގެންދާނީ ލާންކާގެ ރިޔާސީ އިންތިހާބެއްގައި ކުރިމަތިލާ އެންމެ ހަގު ކެންޑިޑޭޓަށެވެ. އަދި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ނަމާލް ވެގެންދާނީ އެ ޤައުމުގެ އެންމެ ހަގު ރައީސްއަށެވެ.
ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިފުޅު ނަމާލް އަކީ ރާއްޖޭ ގިނަ ސިޔާސީ ފަރާތްތަކާވެސް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އެގޮތުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ފަދަ ބައެއް ފަރާތްތަކާއި ނަމާލް އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ވަނީ ފާހަގަވެފައެވެ.



