ފެނަކަ އިން ދޫކޮށްލަން ނިންމާފައިވާ ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ތަކަށް ނަގާފައި ތިބި ވަގުތީ މުވައްޒަފުން ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކަ އިން ބުނީ ރަށްރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ތަކަށް ހާއްސަކޮށްގެން ކޮންޓްރެކްޓު އުސޫލުން ވަޒީފާ ދީފައިވާ މުވައްޒަފުން މި މަހުން ފެށިގެން ދޫކޮށްލަން ފެނަކައިން ވަނީ ނިންމާފައި ކަމަށެވެ. އެކި އެކި ސަބަބު ތަކާހުރެ ހުއްޓިފައި ހުރި ކޮންސްޓްރަކްޝަން މަސައްކަތް ތަކަށް ނަގާފައިވާ ”ކޮންޓްރެކްޓް ސްޓާފުން“ ގެ މުއްދަތު ހަމަވުމުން އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެ ކަން އެ މުވައްޒަފުންނަށް މިދިޔަ ޑިސެމްބަރު މަހު އަންގާފައިވާނެ ކަމަށް ފެނަކަ އިން ބުންޔެވެ.
ކޮންޓްރެކްޓް އުސޫލުން، ވަކި މަސައްކަތްތަކަކަށް ހާއްސަކޮށްގެން ފެނަކައިގެ ކުރީގެ މެނޭޖްމުންޓުން ވަނީ 2000 މުވައްޒަފުން އެ ކުންފުންޔަށް ނަގާފައެވެ. އޭގެ ތެރޭގައި 1800 މުވައްޒަފުން ނަގާފައި ހުރީ ކުދި ކުދި މަސައްކަތްތަކަށް ކަމަށް ފެނަކަ އިން ހާމަ ކުރެއެވެ. މީގެ ތެރެއިން އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ވަނީ ނަގާފައެވެ. އަދި ހަމަ އެއާއެކު (17 ނޮވެންބަރު 2023) ގައި އާ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު %99 މަޝްރޫއުތައް ހުއްޓިފައި އޮތަސް، އެ މުވައްޒަފުންނަށް މަހުންމަހައް ފައިސާ ދެމުން ދިޔަ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ބުނީ، ކޮންޓްރެކްޓް ސްޓާފުންގެ މުސާރައަށް މަހަކު 7-9 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭ އިރު، ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު މިއީ ކުރެވޭނެ ވަރުގެ ހޭދައަކަށް ނުވާތީ މި މަހުން ފެށިގެން އެ މުވައްޒަފުން ދޫކޮށްލަން ނިންމާފައިވާކަމަށެވެ.
އަދި ހަމަ އެއާއެކު އެކުންފުނިން ނިންމާފައިވަނީ ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ މަސައްކަތްތައް ކުރާނެ ބަޔަކު ހޯދައިގެން އެކަން ކުރާށެވެ. އެހެން ކަމުން ބައެއް ޕްރޮޖެކްޓުތައް ހިންގާނެ ބަޔަކު ހޯދަން މި ހަފްތާގައި އިއުލާނު ކުރާނެ ކަމަށް ވެސް އެކުންފުނިން ބުންޔެވެ.




