ފެނަކަ ކޯޕަރޭޝަން އިން 4 މަޝްރޫއުއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އޭގެ ތެރޭގައި ށ.މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ.ދިއްދޫ، ޏ.ފުވައްމުލަށް އަދި ހދ.ކުޅުދުއްފުށީގައި އިމާރާތްކުރަމުން ގެންދާ އިންޖީނު ގެތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ވަނީ އެ ކުންފުނިން ވަނީ އިއުލާން ކޮށްފައެވެ.
ފެނަކަ އިން ބުނީ އެ ކުންފުނީގެ އަމިއްލަ މުވައްޒަފުން ބޭނުންކޮށްގެން ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތަތައް ކުރުމުން ބޮޑުތަނުން ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. ފެނަކަ އިން މިއަދު އިއުލާން ކުރި 4 މަޝްރޫއުއަކީވެސް ފެނަކައިގެ ކުރީގެ މެނޭޖްމެންޓުން އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ނުއަގުގައި ކުރިޔަށް ގެންދިޔަ މަޝްރޫއު ތަކެއްކަން ފާހަގަ ކޮށްލެވެއެވެ.
ފެނަކައިގެ މިހާރުގެ މެނޭޖްމެންޓުން އެ ކުންފުންޔާއި ހަވާލުވިއިރު ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ. އަދި އެ ދަރަނިތައް ދައްކާ، ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް ފެނަކައިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އޭގެ އެއް ފިޔަވަޅެއްގެ ގޮތުގައި މިދިޔަ ހަފްތާގައި ފެނަކައިން ވަނީ ރަށްރަށުގައި އައިސް ޕްލާންޓް އެޅުމާއި، އޮޕަރޭޓުކުރުން ހުއްޓާލާފައެވެ. އައިސް ޕްލާންޓުގެ އޮޕަރޭޝަންތަކުން ފެނަކައަށް އަހަރަކު 12 މިލިއަން ރުފިޔާ ގެއްލުން ވަމުންދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.


