ބަންގްލަދޭޝްގައި އެކުލާވާލާފައިވާ ވަގުތީ ސަރުކާރުގެ އިސް މުޝީރު، ޑރ. މުހައްމަދު ޔޫނުސްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރަކަށް އައްޔަނު ކުރި ޑރ. ޔޫނުސް އަކީ ނޮބެލް ޕީސް އިނާމު ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. އޭނާއަށް މަރުހަބާ ވިދާޅުވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބަންގްލަދޭޝް އަކީ ޒަމާނުއްސުރެއް ދިވެހިރާއްޖެ އާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، ޑރ. ޔޫނުސް ގެ ލީޑާރޝިޕްގެ ދަށުން ބަންގްލަދޭޝް އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ގިނަ ކުރި އެރުންތައް ލިބުމަށް އެދޭ ކަމަށެވެ.
ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލާފައިވަނީ އެ ޤައުމުގެ ކުރީ ބޮޑުވަޒީރު ޝޭހް ހަސީނާ އެ މަޤާމުން އިސްތިއުފާ ދެއްވާ، ޤައުމު ދޫކޮށް ވަޑައިގަތުމާއި ގުޅިގެންނެވެ. ހަސީނާ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ އޭނާގެ ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވާރސިޓީ ތަކުގެ ދަރިވަރުން ކުރި މުޒާހަރާތަކާއި ގުޅިގެންނެވެ.
ބަންގްލަދޭޝްގައި މިދިޔަ ޖުލައި މަހުއްސުރެއް ކުރަމުން ދިޔަ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.



