އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަން އިން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މިނިސްޓަރ ޑރ. ޝަހީމް އާއި ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަމުންދަނީ ޑރ. ޝަހީމް ގެ އަބުރު ކަތިލުމަށް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
“ ޑރ. ޝަހީމް ގެ އަބުރުފުޅު ނަގާލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުން ހަޤީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަން “ – ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނި ޑރ. ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެ ބޭފުޅާގެ ހިދުމަތުގެ އަގު ވަޒަންކުރަމުން ގެންދާ ހެޔޮ ދީނީ ލީޑަރެއް ކަމަށެވެ. އަދި ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން ރައީސް ޑރ. މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް ފަހުރުވެރިވާ ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުގައި ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޑރ. ޝަހީމް އަކީ ފުރައްސާރަކޮށް، ހަޤީގަތާއި ހިލާފު ދޮގު އިލްޒާމުތަކުން ފަސްޖެހޭނެ ބޭފުޅެއް ނޫންކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުންޔެވެ. ޑރ. ޝަހީމް އަކީ ދީނީ އިލްމު ލިބިވަޑައިގެން ހުރި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި، އެ ބޭފުޅާގެ އަބުރު ކަތިލުމަށް ބަޔަކު ކުރަމުން ގެންދާ ހަޑި މުޑުދާރު ކަންކަން ވަގުތުން ހުއްޓާލުމަށް ޕްރޮގްރެސިވް ކޯލިޝަނުން ރޭ ނެރުނު ބަޔާނުގައި ބުންޔެވެ.
މިދިޔަ ހަފްތާގައި، ”ހަސަން ކުރުސީ“ ނަމަކަށް ކިޔާ އެކްސް އެކައުންޓަކުން މިނިސްޓަރ ޑރ. ޝަހީމް ކަމަށް ތުހުމަތުކޮށް ބަދުއަހުލާގީ މަންޒަރު ފެންނަ ވީޑިޔޯއެއް އެކްސް ގައި އާންމުކޮށްފައި ވެއެވެ. ނަމަވެސް ފަހުން އެއީ ފޭކް އަދި އެޑިޓު ކޮށްފައިވާ ވީޑިޔޯއެއްކަމަށް އިއުތިރާފުވެ، ކުރުސީ ވަނީ ޑރ. ޝަހީމް ގެ ކިބައިން މައާފަށް އެދިފައެވެ.
”ހަސަން ކުރުސީ“ ގެ މި އަމަލު، އިދިކޮޅު އެމްޑީޕީ ގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ކުށްވެރިކުރައްވާފައެވެ. ޝާހިދު ވިދާޅުވީ ޑރ. ޝަހީމް ގެ އަބުރުކަތިލުމަށް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ޖެހޭކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެކަމަށެވެ.



