ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އެންޑް އިލެކްޓޯރަލް ކޮންގްރެސް މިއަހަރު ބާއްވާ މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓް ހަަމަޖެހިއްޖެ އެވެ.
15 ވަނަ ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އެންޑް އިލެކްޓޯރަލް ކޮންގްރެސް އަންނަ ނޮވެންބަރުމަހުގެ 5-11 އަށް ކެނެރީފްގައި ބާއްވަން ނިންމާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތުލީޓުން މި މުބާރާތުގައި ބައިވެރިވާނެއެވެ. ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން(ޑަބްލިއުބީޕީއެފް) ގެ އެހީތެރިކަމާއެކު ބޮޑީ ބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ބީބީއެމް) އިން އިންތިޒާމުކޮށްގެން ކެނެރީފް ގައި ބާއްވާ މި މުބާރާތަކީ 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ފަހު އައްޑޫ ސިޓީގައި ބޭއްވޭ އެންމެ ބޮޑު ހަރަކާތެވެ. މިއީ، ރާއްޖެ ކުޅިވަރު ޓޫރިޒަމްގެ ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖެއަށާއި، އަދި ވަކިން ޚާއްސަކޮށް އައްޑޫ ސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އެންޑް އިލެކްޓޯރަލް ކޮންގްރެސް މިއަހަރު ރާއްޖޭގައި ބާއްވާކަން ވޯލްޑް ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން(ޑަބްލިއުބީޕީއެފް)ގެ ރައީސް ދަކުތު ޕޯލް ޗުއާ ވަނީ އިއުލާނުކުރައްވާފަ އެވެ. އެކަން އިއުލާނުކުރައްވަމުން ޕޯލް ވިދާޅުވެފައިވަނީ ބީބީއެމްގެ ރައީސް އިބްރާހިމް ހަމީދުގެ ލީޑަރޝިޕްގެ ދަށުން، ބީބީއެމްގެ ގާބިލިއްޔަތުކަމާއި، އިޚުލާސްތެރިކަން ފުރިހަމަޔަށް ދައްކުވައިދީ މި ސަރަޙައްދުގެ ބޮޑީބިލްޑިންގ އަދި ފިޒިކް ސްޕޯޓްސްގެ ޕްރިމިއަރ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ވަރުގަދަކޮށްފައިވާކަމަށެވެ. އަދި، މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނީ 2022 އަހަރު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕާއި، 2023 އަދި 2024 ވަނަ އަހަރު ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި އިންތިޒާމުކުރެވިގެން ހޯސްޓްކޮށްފައިވާލެއް ފުރިހަމަކުން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން ބީބީއެމްގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އެއްބާރުލުމާއެކު މި ޝަރަފުވެރި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިގެންދިއުމަކީ ޤައުމަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ.
ބީބީއެމްއިން މިހާރު ދަނީ މި މުބާރާތައް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. މިކަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ދަނީ އެއްބާރުލުން ދެމުންނެވެ.
ރާއްޖޭގެ އެތުލީޓުން އަންނަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ބޮޑީ ބިލްޑިންގެ އިން ކާމިޔާބީ ހޯދަމުންނެވެ. ރާއްޖޭގައި ބޮޑީ ބިލްޑިންގެ މުބާރާތްތައް ބޭއްވުމަށް ފަހި ފުރުސަތުތައް ލިބިގެންދާ މައިގަނޑު އެއް ސަބަބަކީވެސް އެއެވެ.




