”ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ“ މިއަދު އިފްތިތާހުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
”ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ“ އަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމުގެ މަގުސަދުގައި އެކުލަވާލެއްވި ކޮމިޓީއެކެވެ. މިކޮމިޓީގެ މަސައްކަތުގެ ތެރޭގައި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން ހިމެނެއެވެ.
ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންނަށް އަދާއި މާދަމާވެސް ޤައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި، ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ.
15 މެންބަރުންގެ އެކުލެވޭގޮތަށް ”ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް“ ބޯޑު އެކުލަވާލާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ. މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.




