ޔޫކްރެއިންގެ ވެރިރަށް ކީވް ސަރަހައްދުގައި ހިމެނޭ އަވަށެއް ކަމަށްވާ ޑައިމާއަށް ރަޝިޔާއިން ދިން ހަމަލާއެއްގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
މި ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވަނީ ހަލާކުވި އިމާރާތުގެ ކުނިބުނީގެ ދަށުން އިތުރު މީހެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ތައިމޫރް ޓްކަޗެންކޯ ހާމަކުރެއްވިއެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ވެއްޓިފައިވާ އިމާރާތުގެ ދަށުން ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުތައް ވަނީ ނަގާފައެވެ. ސަލާމަތީ އަދި ކުއްލި އެހީދޭ ފަރާތްތަކުން މިހާރުވެސް ދަނީ މީހުން ދިރިއުޅޭ އެ އިމާރާތުގެ ބައިތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައިވޭތޯ ބަލައި، އެ ސަރަހައްދު ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އިމާރާތުގެ ދަށުގައި އަދިވެސް ތިބީ ކިތައް މީހުން ކަމެއް މިހާތަނަށް ސާފުވާ ގޮތް ވަނީ ނުވެފައެވެ.
މި ހިތާމަވެރި ހާދިސާގައި އިމާރާތުގެ ދަށުން ދިރިތިއްބާ ސަލާމަތްކުރެވުނީ 7 އަހަރުގެ ޑޭވިޑް ނަމަކަށް ކިޔާ ފިރިހެން ކުއްޖަކާއި 79 އަހަރުގެ ވެލެންޓީނާ ނަމަކަށް ކިޔާ އަންހެނެކެވެ. ކުއްލި ހާލަތްތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ވިކްޓޯރިއާ ރޫބަން ވިދާޅުވި ގޮތުގައި، މި ދެ މީހުން ސަލާމަތްކުރެވުނީ ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުގައި 22 ގަޑިއިރު ވަންދެން ތާށިވެފައި ތިއްބައެވެ.
މީގެ އިތުރުން، އެ ސަރަހައްދަށް މެދުކެނޑުމެއް ނެތި އިވެމުންދިޔަ ވައިގެ ހަމަލާތަކުގެ އިންޒާރުގެ ސައިރަންތަކާއި، އުދުހެމުންދިޔަ ޑްރޯންތަކުގެ ނުރައްކަލުގެ ސަބަބުން، މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށްވެސް ރޫބަން ފާހަގަކުރެއްވިއެވެ.



