ހ. އުނިހިޔާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި، އުނިހިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު 15:12 ހާއިރު އެވެ. ރިޕޯޓް ލިބުމާއެކު ފަޔަރފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ 16:19 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ އެ ގޭގެ 3 ވަނަ ފަންގިފިލާގައި ކަމަށާއި، މި ހާދިސާގައި 4 ވަނަ އަދި 5 ވަނަ ފަންގިފިލާއަށް ވެސް އަލިފާނުގެ އަސަރު ފޯރާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ސަބަބުން އެ އިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެ އިމާރާތުގައި ދިރިއުޅޭ 23 މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އަދި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު 4 ވަނަ ފަންގިފިލާގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އަންނައުނުގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.



