އެފްރިކާގެ ގިނަ ޤައުމުތަކަގައި މަންކީޕޮކްސް ބަލި ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.
މަންކީޕޮކްސް ނުވަތަ އެމްޕޮކްސް މި ފަހުން އެންމެ ފުރަތަމަ ފެނިފައިވަނީ އެފްރިކާގެ ކޮންގޯ އިން ނެވެ. ނަމަވެސް މިހާރު އެ ސަރަހައްދުގައި އޮންނަ ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔޫގެންޑާ އަށްވެސް އެ ބަލި މިހާރު ފެތުރިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޔެވެ.
“ މީގެ ކުރިން ދުވަހަކުވެސް މަންކީޕޮކްސް ނުފެންނަ އެފްރިކާގެ ބައެއް ޤައުމު ތަކުން މި ބަލި ފެނިފައިވާކަމަށް އެބަ ރިޕޯޓުކުރޭ. މިއީ ކަންބޮޑުވާ ކަމެއް “ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ބުންޔެވެ.
އެތައް އަހަރު ތަކެއް ވަންދެން އެމްޕޮކްސް މައިގަނޑު ގޮތެއްގައި ފެނިފައި ވަނީ އެފްރިކާގެ ބައްރުގެ ހުޅަނގުގެ ޤައުމުތަކުންނެވެ. ނަމަވެސް 2022 ވަނަ އަހަރު ޔޫރަޕާއި އެމެރިކާގެ ބައެއް ސަރަހައްދުތަކުން މި ބަލި ވަނީ ފެނިފައެވެ. ޑަބްލިއުއެޗްއޯ އިން މީގެ ކުރިން އެމްޕޮކްސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
އެމްޕޮކްސް ބަލި ދެ ވޭރިއަންޓް އަކަށް ބެހިފައިވާ އިރު، 2022 ވަނަ އަހަރު ފެތުރުނީ އެމްޕޮކްސް ކްލޭޑް 2 ނަމަކަށް ކިޔާ ވޭރިއެންޓެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޔެވެ. ނަމަވެސް މި ފަހަރު ފެނިފައި މިވަނީ އެޔަށް ވުރެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ. މި ބަލި އިތުރަށް ފެތުރުން ހުއްޓުވާ، މި ވޭރިއެންޓް އިތުރަށް ދެނެގަތުމުގެ މަސައްކަތް ޑަބްލިއުއެޗްއޯ އިން ދަނީ މިހާރު ކުރަމުންނެވެ.
މިވަގުތު އެމްޕޮކްސް ގެ ވެކްސިން ގެ ސްޓޮކުގައި ހުރީ 5 ލައްކަ ޑޯޒް ކަމަށް ޑަބްލިއުއެޗްއޯ އިން މައުލޫމާތު ދިނެވެ. އަދި އިތުރު 2.4 މިލިއަން ޑޯޒް ގެ ވެކްސިން މި އަހަރު ނިމުމުގެ ކުރިން ތައްޔާރުކުރެވޭނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ލަފާކޮށްފައެވެ.
މި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތައް ޑަބްލިއުއެޗްއޯ އިން ވަނީ 1.5 މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސާފައެވެ. ނަމަވެސް އެ މަސައްކަތްތަކަށް ޖުމްލަ 15 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށާއި، އެ ފަންޑަށް އެހީވުމަށް ބައިންލައަޤުވާމީ ޖަމިއްޔާތަކާއި ޤައުމުތަކަށް ޑަބްލިއުއެޗްއޯ އިން ވަނީ ގޮވާލާފައެވެ.
މަންކީ ޕޮކްސް ފެތުރެނީ ކިހިނެތް؟

މަންކީޕޮކްސް ނުވަތަ އެމްޕޮކްސް ފެތުރެނީ އެ ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނިކުންނަ ދާ، ނުވަތަ ކުޅު ފަދަ ގައިން ނިކުންނަ ތެތް ކަމެއް މެދުވެރިކޮށް ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. އެމްޕޮކްސް އަކީ ފުރާނައަށް ނުރައްކާ ބޮޑު ބައްޔަކަށް ނުވި ނަމަވެސް، މި ބަލި ޖެހުމުން ގައިގެ އެކި ތަންތަނުގައި ބޮޑެތި ފޮޅުތަކެއް ނަގައެވެ. މި ބަލި ޖެހުމުގެ އަލާމާތެއްގެ ގޮތުން ހުންއައިސް ގައިގައި ރިއްސުމާއި، އާދަޔާ ހިލާފައް ހީކެރުވުން ހިމެނެއެވެ.



