“މިސްޓަރ ޕޮލިސް 2024- މެންސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް” އަންނަ އޮކްޓޯބަރު މަހުގެ ބާއްވަން ނިންމައިފި އެވެ.
މިއީ، ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ.
ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، ދިވެހި ފުލުހުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބައެއްގެ ގޮތުގައި ދެމެހެއްޓުމުގެ އިތުރުން ފިޓްނަސް އަށް އަހުލުވެރި ކުރުމުގެ މަގުސަތުގައި ބާއްވާ މި މުބާރާތް ފަށާނީ އޮކްޓޯބަރު 18 ވަނަ ދުވަހުކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
މި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ސްޕޯޓް ފިޒީކް CM 170 TO UP އާއި މެންސް ސްޕޯޓް ފިޒީކް CM 175 TO UP އާއި މެންސް ސްޕޯޓް ފިޒީކް CM 180 TO UP ގެ އިތުރުން މެންސް ސްޕޯޓް ފިޒީކް CM 180 OVER އެވެ. ހަތަރު ކެޓަގަރީންވެސް އެއްވަނަ، ދެވަނަ އަދި ތިން ވަނައިގެ އިތުރުން މުޅި މުބާރާތުގެ އޯވަރޯލް ވިނަރ ހޮވުމަށްވަނީ ހަމަޖެހިފަ އެވެ. މި މުބާރާތް ކާމިޔާބުކުރާ މުވައްޒަފަށް އިނާމެއްގެ ގޮތުގައި، މުބާރާތުގެ މެއިން ސްޕޮންސަރކަމަށްވާ އެލިއާ އިން ހުށަހަޅާފައިވާ އެންމެކްސް 155 ގެ ސައިކަލެކެވެ.
މި މުބާރާތުގައި ފަޑިޔާރުކަން ކުރާނީ މޯލްޑިވްސް ބޮޑީ ބިލްޑިންގ އެސޯސިއޭޝަން(ޑަބްލިއު.ބީ.ޕީ.އެފް.އޭ) އަދި އޭ.ބީ.ބީ.އެފް.އޭ ގެ ސެޓިފައިޑް ފަޑިޔާރުންނެވެ.
މިސްޓަރ ޕޮލިސް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ ޓައިޓްލް ސްޕޮންސަރަކީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ. ދެން ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްއެޗްއޭ، އޮބިއޮން، އޮފިޝަލް އިވެންޓްސްއެވެ.




