ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެގެ ވަގުތެއްގައި ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ބުނެފައިވަނީ ސަރުކާރުގެ މަޝްވަރާ އާއި ހިލާފަށް ކަމަށާއި، އެކަން ކޮށްފައިވަނީ ރޭވިގެން، ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކޮށްލުމުގެ ބޭނުމުގައި ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މަޝްވަރާ އާއި ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް ބައެއް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭގޮތުން ނޫސްވެރިން ބައްދަލުވުން ބާއްވަމުން ދިޔަ ކަމަށެވެ. އަދި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ”ބޮޓު“ އެކައުންޓު ތަކަކުން ސަރުކާރު ވައްޓާލުމަށް މަގުތަކަށް މީހުން ނިކުތުމަށް ގޮވާލަމުން ދިޔަ ކަމަށެވެ. އަދި އެކަން ކަން އެހެން ކޮށްފައިވަނީ ރޭވުމެއްގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ބަޤާވަތެއް ގެންނަން ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ.
އިއްޔެ ބީއެމްއެލް މެދުވެރިކޮށް ގެންނަން އުޅުނީ މާލީ ބަޣާވާތެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް ފުލުހުން ބުނެފައިވާއިރު، ބީއެމްއެލް އިން ރައްޔިތުންގެ މަސްލަހަތާއި ގުޅޭ އެފަދަ ބޮޑު ނިންމުމެއް ނިންމީ ސަރުކާރުގެ މަޝްވަރާ އާއި ހިލާފަށް ކަމަށް ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ.




