ދުނިޔޭގެ މާކެޓުގެ އަގާއި އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަންވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީއާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީނަމަވެސް، މިފްކޯއިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމުގައެވެ.
”މަހުގެ އަގު ބަދަލު ކުރިއިރު، މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރަމުންދިޔަކަމުގައިވީނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫން. އެގޮތުން ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް.“މިފްކޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %42 ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16ރ ގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާއިދެމެދުގެ އަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ.
”މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވޭ.އެހެންކަމުން، ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައި.މަސްވެރީންގެ ހައްގުގައި މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯއިން ބުނީ، އެހެންކަމުން މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުންކަމަށެވެ.
”އަމިއްލަ ބައެއް ފެކްޓަރީތަކުން އެފަރާތްތަކުގެ ޕްރޮސެސެސިންގ އަށް ބޭނުންވާ މިންވަރުގެ އަދަދަކުން މިފްކޯއަށްވުރެ ބޮޑު ރޭޓެއްގައި މިދަނޑިވަޅުގައި މަސްވެރީން އަތުން މަސް ގަންނަމުންދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ 80 އިން ސައްތަ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެއް. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރޯ މަހުގެ އަގު ދަށްވަމުންދާ ދަނޑިވަޅެއްގައި، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަކީ ދެމެހެއްޓެނިވި ބަދަލަކަށް ނުވާނެ. ކަން މިހެން އޮތްއިރު ފެލިވަރު ކޭނަރީއަށް އެކަނި ބޭނުންވާވަރަށް ބޮޑު އަގުގައި މަސްގަނެގެން ފަރުޖައްސާލެވޭނެ ގޮތެއް މިފްކޯއަކަށް ނޯވޭ.“މިފްކޯއިން ބުނެފައި ވެއެވެ.
މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށް ވާއިރު، އަހަރު ނިމެން 3 މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަހެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެއެވެ.




