ށ. ގޮއިދޫގެ ދަނޑުވެރިން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް(އެމްޖީއޭޕީ) ސްކީމަށް ސަރޓިފައި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މި މަސައްކަތުގެ ދަށުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)ގެ ޓީމަކުން އިންޓަނޭޝަނަލް ކޮންސަލްޓަންޓަކާ އެކު ށ. ގޮއިދޫގެ ދަނޑުތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
އެމްޖީއޭޕީ ސްކީމަކީ ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްކާތެރި ކާނާ އުފެއްދުމަށް ބާރުއަޅާ ސްކީމެކެވެ. މި ސްކީމުގެ ދަށުން ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް ދަނޑުވެރިންގެ މެދުގައި އާލާކުރުމަށް މަސައްކަތް ކުރެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ށ. ގޮއިދޫގެ ދަނޑުވެރިންނަށް އެމްޖީއޭޕީ ސްކީމުގެ ދަށުން ސަރޓިފިކެޓް ލިބި، އެ ރަށުގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ފެންވަރު މަތިވެ، ރައްކާތެރި ކާނާ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމްޖީއޭޕީ ސްކީމަކީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޕީޑީއެސްއޭޑީ ޕްރޮޖެކްޓުގެ ދަށުން ހިންގާ ސްކީމެކެވެ.




