މަސްވެރީން އަތުން މިފްކޯއަށް ކިރާފައިވާ ކަނޑުމަހުގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރަމުންދާނެކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން ބުނީ، އޯގަސްޓް މަހުގެ 9 އިން 23 އަށް ކިރާފައިވާ 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރާނެކަމަށެވެ. އެއީ ޖުމްލަ 7 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލް އެނގޭނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ފަހުންކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެ ފައިސާވެސް ވީހާވެސް އަވަހަށް އޮޑިވެރީންނަށް ޖަމާކޮށްދޭނެކަމަށް މިފްކޯއިން ބުންޏެވެ.
ސަރުކާރާއި މިފްކޯގެ ކޭޝްފްލޯގެ ދަތިކަމުގެ މި ހާލަތުގައިވެސް ކުންފުނީގެ ބޯޑާއި މެނޭޖުމެންޓުގެ އިތުރުން، ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީން ގުޅިގެން ކުރެވޭ މަސައްކަތުގައި ސަރުކާރުން ލިބޭ އެހީތެރިކަން މިފްކޯއިން ފާހަގަކޮށްފައި ވެއެވެ.




