ފަލަސްޠީނުގެ ކުދިންނަށް ދުނިޔޭގެ އޯގާތެރިކަމާއި، އެކުދިންގެ މުސްތަޤުބަލު އަނބުރާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް ހައްޤުވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕުލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ދުނިޔޭގެ ހުރިހާ ކުދިންނަށްވެސް، އެއްވެސް ތަފާތުކުރުމެއްނެތި، ރައްކާތެރި އަދި އޯގާތެރި މާޙައުލެއްގައި އުޅުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އެގޮތުން، ފަލަސްޠީނުގެ ކުޑަކުދިންގެ ޙާލަތު ފާހަގަކުރައްވާ، ހުޅަނގުއައްސޭރިއާއި ޣައްޒާ އަދި ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުން ވޭތުވެދިޔަ 76 އަހަރު ތަޙައްމަލުކުރަމުން އައި ދަތި ހާލު ވަޒީރު ވަނީ ފާހަގަކުރެއްވި އެވެ. މިގޮތުން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި 25،000 ކުދިން ޔަތީމުވެ، 100،000 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި އަތްފައި އައިބުވެ، ގެއްލިފައިވާ 30،000 ކުދިން ހިމެނޭކަމަށް ވަޒީރު ވިދާޅުވި އެވެ.
14،000 އަށްވުރެ ގިނަ ކުދިން ދުނިޔެއާ ވަކިވެފައިވާއިރު، އެތައް ހާސް ކުދިންނެއް ޒަޚަމްވެފައި ކަމަށާއި، ޣައްޒާގެ ހުރިހާ ކުދިންނަށްވެސް ހަނގުރާމައިގެ ނުރައްކާތެރި ތަޖުރިބާތަކާ ކުރިމަތިލާންޖެހިފައިކަމަށް ވަޒީރު ވިދާޅުވި އެވެ. އެއާއެކު، މީގެ އަސަރު އެ ކުދިންގެ މުޅި އުމުރަށް ދެމިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ގެދޮރު ގެއްލި ތަންތަނަށް ދާންޖެހުމާއި ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދިރިހުރި ކުދިންވެސް ވަނީ ތަޢުލީމާއި، އަސާސީ ހައްޤުތަކުން މަޙުރޫމުވެފައިކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި، ސްކޫލްތަކާއި، ހިޔާވަހިކަން ދޭ ތަންތަނާއި، ހޮސްޕިޓަލްތަކަށް ބޮންއެޅުމާއި، އެތަންތަން ވީރާނާކޮށްލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ހުރިހާ ކުދިންވެސް އަނިޔާވެރިކަމުން ރައްކާތެރިކޮށް، ސަރުކާރާއި، މުޖުތަމަޢުތަކާއި، ވަކިވަކި ފަރުދުން އެއްބައިވެގެން މަސައްކަތްކޮށް، ކޮންމެ ކުއްޖަކުވެސް ރައްކާތެރިކޮށް، އަގުވަޒަންކޮށް، ބާރުވެރިކުރުވާ މުޖުތަމަޢެއް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް ވަޒީރު ގޮވާލެއްވި އެވެ.



