ސިނަމާލެ ބްރިޖުގައި ޖޮގިން ކުރުމަށާއި ބައިސްލަކު ދުއްވުމަށް ހާއްސަކުރި ލޭނުގައި ބައިސްލަކު ނުދެއްވޭނެ ކަމަށް ނިންމީ ކުރީގެ ރައީސް ޔާމީން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖާއި ބެހޭ ބައެއް ވާހަކަތައް ރައްޔިތުންނާއި ހިއްސާ ކުރުމަށް އަދީބު އާންމު ކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ ބްރިޖުގެ ލޭނުތައް ހެދިފައި ހުރީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް ކަމަށެވެ.
“ ބްރިޖުގެ ލޭން ތައް އެޔޮތީ އޭރުގެ އިކޮނޮމިކް ކައުންސިލުން ސީދާ ފާސް ކުރި ގޮތަށް. ބައިސްލަކު އަދި ޖޮގިން ލޭން އޮންނާނީ އެއް ލޭނެއް ގޮތުގައި. އެ ލޭނުގައި ބައިސްކަލު ނުދުއްވޭނެ ކަމަށް ނިންމެވީ ރައީސް ޔާމީން. “ ރާއްޖޭއިން ބޭރުގައި ހުންނަވާ އަދީބު އާންމުކުރި ވީޑިއޯގައި އޭނާ ވިދާޅުވިއެވެ.
އަދީބް ވިދާޅުވީ 2013 ގައި ރައީސް ޔާމީން ގެ ޒައާމަތުގައި އިކޮނޮމިކް ކައުންސިލްގެ ކޯ-ޗެއާރ ގެ ހައިސިއްޔަތުން އޭނާ ވާނީ ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމެންޓް ތަކެއް ގެނެސްފައި ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫއު އަކީ ސިނަމާލެ ބްރިޖު ކަމަށް އަދީބް ވިދާޅުވިއެވެ.
އަދީބް ވިދާޅުވީ ބްރިޖުގެ މަޝްރޫއު ގެ ބައްދަލުވުންތަކާއި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ އޭނާ ކަމަށާއި، އެކަންކަމުގައި ރައީސް ޔާމީން ގެ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ.
“ އޭރުވެސް ރައީސް ޔާމީން އުޅުއްވީ ތާސް ކުޅުއްވުމުގަޔާއި، ސިންގަޕޫރުގައި ޝޮޕިން ކުރެއްވުމަށް. ބްރިޖު މަޝްރޫއު އާއި ގުޅޭ މީޓިން އަކަށް އަރަން ބުނުމުންވެސް ވަރަށް އުނދަގުލުން މީޓިން އަކަށް އަރަނީ “ އަދީބު ވިދާޅުވިއެވެ.
ބްރިޖު މަޝްރޫއު ގައި ރައީސް ޔާމީން ގެ ފަރާތުން ލިބުނު އެއްބާރުލުން ވަރަށް ކުޑަ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ގެ އިތުރުން ރައީސް ޑރ. މުއިއްޒު ވެސް ހެކިވެވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖު މަޝްރޫއު ގެ ފަހުމުނާމާ ގައި ވެސް ސޮއި ކުރެއްވީ އޭނާކަން ފާހަގަ ކުރައްވަމުން އަދީބު ވިދާޅުވީ ބްރިޖު އެޅިދާނެ ކަމަށް ރައީސް ޔާމީން އޭރުވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ބްރިޖު އެޅޭނެ ކަމުގެ ޔަޤީންކަން އަދީބު ދެއްވަމުން ގެންދެވި ކަމަށާއި، އޭރުގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު ފަދަ އިންޖިނިއަރިން ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުން ބްރިޖު އެޅޭނެ ކަމަށް އޭރުވެސް ގަބޫލު ކުރެއްވި ކަމަށް އަދީބު ފާހަގަ ކުރެއްވިއެވެ.
އަދީބު ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫގެ މަޝްވަރާތަކުން ފެށިގެން، ފަހުމުނާމާ ތަކުގައި ސޮއި ކުރުމާއި ހަމަޔަށް އެކަންކަން ބެއްލެވީ އޭނާ އެވެ. އަދި އެޔަށް ފަހުގައި ބްރިޖު މަޝްރޫއު ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދިޔައީ ރައީސް ޑރ. މުއިއްޒު ގެ ބެއްލެވުމުގެ ދަށުން ކަމަށް އަދީބު ވިދާޅުވިއެވެ.
“ ބްރިޖުގެ ލޭނުގެ ކަންތައް ރައީސް ޑރ. މުއިއްޒުގެ ބޮލުގައި އަޅުއްވަން އުޅުނަސް އެއީ ހަޤީގަތެއް ނެތް ވާހަކަތަކެއް. އެއީ އިންޖިނިއަރިން ގެ ގޮތުންނާއި ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ ބްރިޖެއް. “ އަދީބް ވިދާޅުވިއެވެ




