އެންމެންގެ މަދަދުވެރިކަމާއެކު ދިވެހި އަޚްލާޤީ ދަންމަރު އަލުން މި ރާއްޖޭގައި ހުޅުދާންކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޤައުމުގައި އިސްލާމީ އަޚްލާޤާއެކު އިސްލާމީ ދިވެހި އާދަކާދަވެސް ދިރުވައި އާލާކުރަން ޖެހޭކަމުގައެވެ. އަދި މި ކަމުގައިވެސް ދިވެހީންގެ ވަރަށް ކައިރި ތާރީޚު ދައްކަނީ އާދަޔާ ޚިލާފު ރީތި ނަމޫނާއެއްކަމުގައި ފާހަގަކުރައްވައި އޭރުގެ ދިވެހިންގެ އާދަކާދަތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.
ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންގެ އަމިއްލަކަން ނުވަތަ ދިވެހި އައިޑެންޓިޓީ އިއާދަކުރުމުގައި ކުރީގެ ރިވެތި ސިފަތައް ބޭނުންފުޅުވާކަމުގައި ފާހަގަކުރައްވާފަ އެވެ.
”ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި ސިފަތައް އާލާކުރުމަށް ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ހަމައިންފެށިގެން ޢާއިލާއަށާއި ގާތް މީހުންފެ ކިބައިގައި މި ސިފަތައް އަށަގެންނެވުމަށް ބާރުއެޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަސިޔާރު ފިކުރީ ރާޅުތަކުން ޤައުމުގެ އެކި ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކުމެ އިސްނެންގެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ދިވެހި ޤައުމުގެ ޤައުމިއްޔަތު ހިމާޔަތްކޮށް އިޔާދަކުރުމަށް ޢަޒުމު ކަނޑައަޅާ އެންމެން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ބާރުއަޅުއްވަމުންނެވެ.


